ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިކުރާ، ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

އދ. މާމިގިއްޔަށް އުފަން ލަކުޑި ސޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އާއިލީ ބޭފުޅެކެވެ. އޭނާއަކީ ޖޭޕީގެ ކައުންސިލް މެމްބަރެއް ވެސް މެ އެވެ.

އޭނާގެ ހަށިގަނޑު މި ވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

މުއްސަނދި ނަމަވެސް ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރައްވާ ސޭޓުގެ ލަކުޑީގެ ވިޔަފާރި ފުޅާވެ، މާލެއިން ބިންމާއި ގޯތި ބައްލަވައިގެން ވަރަށް ފުޅާ ދާއިރާއެއްގައި އޭނާ ގެންދެވީ ވިޔަފާރިކުރައްވަމުންނެވެ. މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޑު ޑިރެކްޓަރުކަން ވެސް ލަކުޑި ސޭޓު ކުރައްވާފައިވެ އެވެ.

އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވިއިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

ލަކުޑި ސޭޓުގެ ޖަނާޒާ އޮންނާނީ އަސުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.