ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޝައުގުވެރިކަން ފާޅުކޮށް ޕީޕީއެމް ޕީއެންސީން މިއަދު އެމްޑީއޭއަށް ސިޓީ ފޮނުވައިފި އެވެ.
ޕީޕީއެމް ޕީއެންސީން ކޯލިޝަން ހެދުމާގުޅޭ ގޮތުން ސިޓީ ފޮނުވާފައިވާކަން "ހުރިހާ" އަށް ވަނީ ކަށަވަރުވެފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެމްޑީއޭ އާއި ކޯލިޝަން ހަދަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާތީ ޕީޕީއެމްގެ ލީޑާޝިޕާއި އެމްޑީއޭ އިން މަޝްވަރާ ކުރުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ.
މިފަދަ ސިޓީއެއް އެމްޑީއޭއަށް ފޮނުވާފައި ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ކެންޑިޑޭޓެއް ނުނެރުމަށް އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލުން ނިންމާފައި ވަނިކޮށެވެ. ޕީޕީއެމްއާއި އެމްޑީއޭއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެކީގައި މަސައްކަތް ކުރި ދެ ޕާޓީ އެވެ.
ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން ޕީޕީއެމްއާއެކީ މަސައްކަތް ކޮށްފައެއް ނުވެ އެވެ.
އެމްޑީއޭ އާއެކު ކޯލިޝަން ހަދަން ޕީޕީއެމް އިން ޝައުގުވެރިކަން ފާޅުކުރިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެމްޑީއޭ އާއިއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
ރައީސް ސޯލިހްގެ ފަރާތްޕުޅުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މިއަދު މެންދުރު އެމްޑީއޭގެ ކޯލިޝަން ކޮމެޓީ އާ މަޝްވަރާ ކުރާނެ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި ޕީޕީއެމް ޕީއެންސީއާއެކު މިއަދު ހަވީރު 5 ޖަހާއިރު އެމްޑީއޭއިން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.