ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބައްދަލުކުރެއްވި ނަމަވެސް، ދެކެވުނު ވާހަކަތަކުގެ ތަފްސީލް ދެއްވަން ގާސިމް ދެކޮޅުހައްދަވައިފި އެވެ.

ރައީސް ސޯލިހާއި ގާސިމް ބައްދަލުކުރެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ގާސިމް ބައްދަލުކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ފޮނުވާފައިވެ އެވެ. މި ބައްދަލުކުރެއްވުމަށްފަހު ގާސިިމް ވަނީ މީޑިއާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލަށް ގާސިމް ވަޑައެއްނުގަންނަވަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ ސިޔާސީ ވާހަކަ ދެއްކެވި ކަމަށެވެ. ނަމަވެސް ކޯލިޝަން ހެދުމާއި، ރިޔާސީ އިންތިޚާބުގައި ގާސިމް ނުވަތަ ޖުމްހޫރީ ޕާޓީން ނިންމާނެ ގޮތަކާއި ގުޅޭގޮތުން އޭނާ ވާހަކައެއް ނުދައްކެވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކެނޑިޑޭޓެއް ނެރުމަށް ނުވަތަ އެޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ގަރާރެއް ގައުމީ ކޮންފަރެންސުން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގަރާރާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯލިޝަން ހަދަން އެއްވެސް ޕާޓީއަކާއެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ ކޯލިޝަން ހަދަން މަޝްވަރާކުރާނީ މިވަގުތު ވެސް ކޯލިޝަނުގައި ތިބި ބައެއް. ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން. ކޮންފަރެންސުން އެބައޮތް ރިކަމެންޑެއް ދީފަ ޕާޓީން ކެނޑިޑޭޓަކު ނެރެން. އެކަމު އަޅުގަނޑުމެން އަދި ވަކި ގޮތެއް ނުނިންމަން،" ގާސިމް ވިދާޅުވި އެވެ. "ސިޔާސީ ވާހަކައެއްގެ ތެރޭގައި އަޅުގަނޑުމެންގެ ކޯލިޝަނެއް އޮންނާނެތޯ ނޯންނާނެތޯ، މިކަމާ ބެހޭގޮތުން ވާހަކަދެއްކި. އޭގައި ދެން އިތުރަކަށް އަޅުގަނޑުމެން މިވެނިހެންނޭ ނިންމީ، އެވެނިހެންނޭ ނެތް އަޅުގަނޑަށް ހާމަކުރެވޭކަށް."

ގާސިމް ރައީސް ކަމަށް ވާދަކުރައްވައި ރަނިން މޭޓަކަށް ނަޝީދު ގެންނަވަން އުޅޭކަމުގެ އަޑުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ގާސިމް ވިދާޅުވީ މީހުން އެކި ވާހަކަތައް ދައްކާނެ ކަމަށާއި "އަނބު މޫސުމުގައި ގަސް ދޮށަށް ވާ" އަންނާނެ ކަމަށެވެ.

ރަނިން މޭޓަކަށް ނަޝީދު ހުށަހެޅުއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ ގުޅޭގޮތުން އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން އެކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ޖަވާބެއް ނުދެއްވަ އެވެ.

ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު އެޕާޓިގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް ސޯލިހަށް އެ ޕާޓީގެ އުމީ މަޖިލީހުން ވަނީ ދީފަ އެވެ.

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯލިޝަން ހެދުމަށް ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ ޖުމްހޫރީ ޕާޓީ އާ ބައެއް އެހެން ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ.

ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދައޔވަތު ގަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީއާއި އެމްޑީއޭ ނިންމާ އެ ދެ ޕާޓީން އެކަން ވަނީ އިއުލާންކޮށްފަ އެވެ.