ބައްޕައަކަށް ވުމަކީ ބުނެދޭން ވެސް ނޭނގޭ ފަދަ އުފާވެރި އިހުސާސެއް ކުރެވޭ ކަމެއް ކަމަށާއި ދަރިފުޅަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި ބަޔާން ކޮށްދިނުމަކީ "ބިރުވެރި" ކަމެއް ކަމަށް އެކްޓަރު ރަންބީރު ކަޕޫރު ބުނެފި އެވެ.

ރަންބީރުގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގެ ޕްރޮމޯޝަން ތަކުގެ ތެރެއިން ދަ ކަޕިލް ޝަރްމާ ޝޯގައި ވާހަކަ ދައްކަމުން އޭނާ ބުނީ ދަރިއަކު ލިބުމަކީ މުޅި ހަޔާތް ބަދަލުކޮށްލާ ކަމެއް ކަމަށާއި އެ އުފަލާ އެހެން އެއްވެސް ކަމެއް އަޅާ ނުކިޔޭނެ ކަމަށެވެ.

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނި ކޮށްގެން އަހަރެއްގެ ތެރޭގައި ދަރިއަކު ލިބިފައިވާއިރު އެ ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ރަހާ ކަޕޫރު އެވެ. ރަހާ އުފަންވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ރަހާއާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ރަންބީރު ބުނީ ރަހާއަށްވުރެ މުހިއްމު އެހެން އެއްވެސް ކަމެއް އޭނާގެ ދިރިއުޅުމުގައި މިހާރު ނުވާ ކަމަށާއި އެއީ ބައެއް ފަހަރު ބިރުގަންނަ ކަމެއް ކަމަށެވެ.

އެކްޓަރަކަށް ނުވިނަމަ ގޭތެރޭގެ މަސައްކަތްކޮށް ބަރުދަން އިތުރު ވުމަކީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން ކަަމަށާއި ދަރިން ބޮޑު ކުރުމުގައި ބަފައިންގެ ދައުރު ވަރަށް މުހިއްމު ކަމަށް ވެސް ރަންބީރު ބުންޏެވެ.

ރަންބީރު ކަޕޫރު ދެން އެންމެ އަވަހަށް ފިލްމަކުން ފެންނާނީ ލަވް ރަންޖަންގެ "ތޫ ޖޫތީ މޭ މައްކާރު"އިން ބަތަލާ ޝްރައްދާ ކަޕޫރުއާ އެކުގަ އެވެ.