ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއްކުރި ފަނޑިޔާރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން އިން ނިންމައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީ މިދިޔަ ޖެނުއަރީ 16 ވަނަ ދުވަހު ހުޅުވާލުމުން އެ މަގާމަށް ޝަކީލްއާ އެކު ހަތަރު ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީ އިން ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އއ. ފެރިދޫ، ސިޔާމާމަންޒިލް، އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފާދިނުމާ ގުޅިގެން އިއްޔެ ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާ ކަމަށެވެ.

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ

އަހްމަދު ޝަކީލް، ސިޔާމާމަންޒިލް، އއ. ފެރިދޫ

މުހައްމަދު ޝަނީޒް އަބްދުﷲ، ހަނދުވަރީނާޒް، ގދ.ގަ އްދޫ

ހުސައިން ޝަކީބް، ހުޅުމާލެ، ދޮޅަސް، މާލެ

މަރިޔަމް ވަހީދު، ބެލޫން، ސ.ފޭދޫ

މީގެ ކުރިން ރައީސް ޔާމީނަށް ހައިކޯޓުން ހުކުމްކުރި ފަނޑިޔާރު އަލީ ރަޝީދުވެސް ވަނީ ސުޕްރީމް ކޯޓަށް އައްޔަން ކޮށްފަ އެވެ. އިދިކޮޅުން ބުނަނީ މިއީ ރައީސް ޔާމީނަށް ހުކުމް ކުރުމުން ސަރުކާރުން ފަނޑިޔާރުންނަށްދޭ ޕްރޮމޯޝަނެއް ކަމަށެވެ.