ކުއާލަ ލަމްޕޫރު (މާޗް 10) - މެލޭޝިއާގެ ފަހުގެ ތާރީޚަށް ބަލާއިރު ފެންނަނީ ސިޔާސީ ގޮތުން ކަންބޮޑުވާން ޖެހޭ ފަދަ މަންޒަރުތަކެކެވެ. ދާދި ފަހުން ބޮޑުވަޒީރުކަން ކުރެއްވި ދެ ބޭފުޅަކަށް މިވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށް، އޭގެ ތެރޭން އެއްބޭފުޅަކު ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހިފައިވާ އިރު އަނެއް ބޭފުޅާ ވަނީ އެފަދަ ހާލަތެއް މެދުވެރިވުމުގެ މަގުމަތީގަ އެވެ.

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވުމުން މިހާރު ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. އެފަދަ ގޮތަކަށް ކަންތައް މެދުވެރިވާން ދެން އުޅުއްވާ ބޭފުޅަކީ ދާދި ފަހަކާ ޖެހެންދެން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މުހްޔިއްދީން ޔާސީނެވެ. އޭނާގެ މައްޗަށް ވަނީ ކޮވިޑުގެ ދުވަސްވަރު ހޭދަތައް ކުރި ގޮތުން ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ވަކިި ބަޔަކަށް މަންފާވާ ގޮތަށް ހަމަޖައްސައިދނުމުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީލޯންޑްރިންގެ ކުށުގެ ތުހުމަތުކޮށް ދައުވާ އުފުލަން ތައްޔާރުވެފަ އެވެ.

ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު މާޗް 2020 އިން ފެށިގެން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި މުހްޔިއްދީންގެ މައްޗަށް ކޮރަޕްޝަނުގެ ހަ ދައުވާއެއް ކުއާލަ ލަމްޕޫރުގެ ކޯޓެއްގައި މިއަދު ވަނީ އުފުލައިފަ އެވެ. މެލޭޝިއާގެ އެންޓި ކޮރަޕްޝަން އެޖެންސީ އަށް އޭނާ އިއްޔެ ހާޒިރުކޮށް ސުވާލު ކުރުމަށްޓަކައި ކުޑަ ވަގުތުކޮޅަކު ބަންދު ވެސް ކުރި އެވެ. މުހްޔިއްދީންގެ މައްޗަށް ތުހުމަތު ކުރަނީ 232.5 މިލިއަން ރިންގިޓް (51.4 މިލިއަން ޑޮލަރު) ގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ހަތަރު ދައުވާއަކާއި 195 މިލިއަން ރިންގިޓުގެ މަނީ ލޯންޑްރިންގެ ދައުވާއެކެވެ. މި ކުށްތައް ސާބިތުވެއްޖެ ނަމަ 15-20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މުހްޔިއްދީންގެ މައްޗަށް އައުން އެކަށީގެންވެ އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު. --ފޮޓޯ:ސީއެންއެން

މުހްޔިއްދީން އަށް ބޮޑުވަޒީރުކަން ގެއްލުނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ވާދަވެރި އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރުގެ ނައިބް އަންވަރު އިބްރާހިމްއާ ވާދަކޮށެވެ. އަންވަރު ވަނީ ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. މުހްޔިއްދީން ވިދާޅުވެފައި ވަނީ މިއީ އޭނާގެ ކުށެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ސީދާ ސިޔާސީ ގޮތުން ހިންގާ ޖަރީމާއެއް ކަމަށެވެ. ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ނައިބަކަށް ހުންނެވި އަންވަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ޖަލުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށް ފަހު އެވެ.

މެއި 2018 އާ ހަމައަށް ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ނަޖީބުގެ މައްޗަށް ވަނީ 1އެމްޑީބީގެ ފަންޑުގެ މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ ތުހުމަތުކޮށް، ކުށް ސާބިތުވެފަ އެވެ. ބާރަ އަހަރުގެ ޖަލު ހުކުމް ނަޖީބު ތަންފީޒު ކުރަން ފެއްޓެވީ މިދިޔަ އޮގަސްޓް މަހު އެވެ.