ކައިވެންޏަށްފަހު ކެޓްރީނާ ކައިފްއާއި ވިކީ ކައުޝަލް އާ ގެއަކަށް ބަދަލުވި ވާހަކަ މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނެވެ. އެއާއެކު ދެން އެންމެ މަޝްހޫރުވި ވާހަކައަކީ އެދެމީހުންގެ އަވަށްޓެރިންގެ ގޮތުގައި ބޮލީވުޑްގެ އެހެން ޖޯޑެއް ކަމަށްވާ އަނުޝްކާ ޝަރުމާއާއި ވިރާޓް ކޯލީ ދިރިއުޅުމެވެ.

ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ވަނީ ކެޓްރީނާ އޭނާގެ ދެމިފިރިންނަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިން ކަމަށް ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް އެމީހުންނަކީ އިރުއޮއްސި ހައެއް ޖަހާއިރު ރޭގަނޑުގެ ކެއުން ކާ ބައެއް ކަމަށާއި އަވަހަށް ނިދުމުގެ އާދައެއް ވެސް ގެންގުޅޭތީ މާ ގިނައިރު މަޑު ނުކުރެވޭނެ ކަމަށް އަނުޝްކާ ބުންޏެވެ.

ކެޓްރީނާއާއި އަނުޝްކާއަކީ ގާތް ދެ ރަހުމަތުތަރިން ނަމަވެސް އެ ދެމީހުންގެ ދިރިއުޅުމުގެ އާދަތައް ވަރަށް ތަފާތު ކަމަށާއި އެހެން ކަމުން އެކުގައި ކަމެއް ކުރަން އުނދަގޫވާ ކަމަށްވެސް އަނުޝްކާ ބުނެފައިވެ އެވެ.

އެޖަވާބުގެ ރައްދުގައި ކެޓްރީނާ ބުނީ ރޭގަނޑުގެ ކެއުން އަވަހަށް ލިބިދާނެ ކަމަށާއި އެގަޑީގައި އޭނާއާއި ވިކީ "ކުޑަ ގޮތެއް" ހަދާލާނީ ކަމަށެވެ.

ކެޓްރީނާއާއި އަނުޝްކާ އެކުގައި ޖަބް ތަކް ހޭ ޖާން އަދި ޒީރޯއިން ފެނިގެން ގޮސްފައިވާއިރު އެ ދެތަރިންނަކީ މިހާރު ބޮލީވުޑްގައި އެންމެ މަޝްހޫރު އަންހެން ތަރިން ކަމުގައި ބުނެވިދާނެ އެވެ.