ސައްހަނޫން ލިޔެކިޔުން ބޭނުންކޮށްގެން އެއްގަމު އުޅަނދުގެ ރެޖިސްޓްރީގެ ނަކަލުތަކެއް އުފައްދާފައިވާކަން ފާހަގަވެފައިވާ މައްސަލަތަކެއް ޓްރާންސްޕޯޓް މިިނިސްޓްރީން ބަލަން ފަށައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިފަދަ 50 އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ގެޒެޓުގައި އާއްމުކޮށްފަ އެވެ. މީގެ ތެރޭގައި ކާރާއި، ސައިކަލުގެ ރަޖިސްޓްރީ ނަމްބަރުތައް ހިމެނެ އެވެ.

އެ މިނިސްޓްރީން ބުނީ މިއީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަނާ ގުޅޭ ޕޯޓަލްގެ ތެރެއިން ބެލިބެލުމުގައި ފާހަގަކުރެވުނު ރަޖިސްޓްރޭޝަން މައްސަލަތަކެއް ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މިގޮތަށް ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން އުފައްދާފައިވާ ނަކަލު ނަންބަރުތަކާއި ގުޅޭ އިތުރު މައުލޫމާތު ދެނެގަތުމަށް އާއްމުންގެ އެހީއަށް އެދިފަ އެވެ. އެގޮތުން ރަޖިސްޓްރީގެ އަސްލުކަމަށް ވެރިފަރާތަށް ލިބިފައިވާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށައެޅުމަށް ވަނީ އެދިފަ އެވެ.

މި ލިޔެކިޔުންތައް ހަތް ދުވަހުގެ މުއްދަތުގައި ހުށައެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް މައްސަލަ ހުރި އުޅަނދުތަކުގެ ރަޖިސްޓްރީތައް އިސްލާހުކުރުމަށް ނުވަތަ ރީ-ރެޖިސްޓްރީ ކުރުމަށް ވެރިފަރަތަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް މި މުއްދަތުގައި އިސްލާހު ނުކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަނާއި ގުޅޭ މައްސަލަތައް އިތުރުވެ، އެކަން މޮނިޓާކުރުމުގެ ނިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ ރަޖިސްޓްރީކުރާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރުތައް އާއްމުކުރަމުންނެވެ.

މިގޮތަށް ނިންމީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރަމުންދާ ހުރިހާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހި ނުވާނެހެން ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރުމަށާއި، އެއްވެސް ފަރާތަކަށް ގަވާއިދާ ޚިލާފު އަމަލުތައް ހިންގުނަ ނުދިނުމުގެ ގޮތުން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީ ކުރާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އާންމުނަށް ފެންނަން ހުންނާނެހެން މިނިސްޓްރީގެ ވެބްސައިޓްގައި އަންނަނީ އާއްމުކުރަމުންނެވެ.