އޭނާއަށް ކުރިން ހީވެފައި އޮންނަނީ މޮޅު ކޯޗުންނަކީ ވަކި ރަށަކަށް ނިސްބަތްވާ، އެ ރަށެއްގައި ކުޅެ، ތަމްރީނު ވެގެން އުފެދޭ ބައެއް ކަމަށެވެ. ނަމަވެސް އޭނާ ހޯދާފައިވާ ކާމިޔާބީތައް ކިޔައިދެނީ މުޅިން އެެހެން ވާހަކައެކެވެ. އެއްވެސް ކަމެއްގައި މޮޅުވުމަށް ވަކި ނަސަބަކަށް، ރަށަކަށް ނިސްބަތްވާން ނުޖެހޭ ކަމެވެ.
ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު، ނ. އަތޮޅު ހޮޅުދޫގައި ފުޓުބޯޅަ ކުޅެލަން ބޭނުންވާ އެތައް ކުދިންނެއް ދަނޑު ނުލިބިގެން އެރަށު މަސްއޮޑި މަގާ ދިމާލު ގޮނޑު ދޮށުގައި ފުޓުބޯޅަ ކުޅެ އެވެ. އެ ކުދިންގެ ތެރޭގައި އެ ރަށު ތްރީ ރޯސް، މޫސާ އިބްރާހީމް (މޫސަ) ވެސް ހިމެނެ އެވެ. މޫސައަކީ އެރަށު މޭނާ ސްކޫލްގައި އޭރު ކިޔެވި ދަރިވަރެކެވެ.
ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ދަރިވަރެެއްގެ ގޮތުގައި އޭރު އޭނާ ފާހަގަ ކުރެވެ އެވެ. އެންމެ ފުރަތަމަ ސްކޫލް ލެވެލް މުބާރާތެއްގައި މޫސަ ކުޅުނީ 1994 ވަނަ އަހަރު މޭނާ ސްކޫލުގައި އޮތް މިނީ ފުޓުބޯޅަ މުބާރާތެއްގަ އެވެ. އެއަށްފަހު އިންޓަހައުސް އަދި ސީނިއާ އިންޓަ ހައުސް މުބާރާތްތަކުގައި އޭނާ ކުޅުނެވެ.
"މޭނާ ސްކޫލްގައި އޭރު ހާހެއްހާ ކުދިން އުޅޭއިރު، ފުޓުބޯޅަ ކުޅޭ ކުދިން ވަރަށް ގިނަވާނެ. އެހެންވެ އިންޓަހައުސް މުބާރާތެއްގައި ކުޅެލަން ލިބުނީ ވެސް ގްރޭޑް 9ގައި އުޅުނު އިރު،" ނެޝަނަލް ލެވެލްގެ ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް އަބަދުވެސް ބޭނުންވި މޫސަ ބުންޏެވެ.
ރޭޑިއޯ ޕްރޮގްރާމަކުން މައުލޫމާތު މުއްސަނދި ކުރި
މޫސަ ސްކޫލްގައި އުޅުނުއިރު، ގަވައިދުން އަޑުއަހާ ޕްރޮގްރާމެއް އޮވެ އެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ހަފްތާއަކު އެއްރޭ ފޮނުވާ "ދުނިޔޭގެ ކުޅިވަރު" ކިޔާ ޕްރޮގްރާމެކެވެ. ވަގުތު ހުސްކޮށްގެން ވެސް އެ ޕްރޮގްރާމް އޭނާ ގަވައިދުން އަޑު އަހަނީ އެހެން ވަސީލަތެއް އޭރު ނެތިމަ އެވެ.
"މިހާރު ލިބޭ ގޮތަކަށް އޭރު ރަށްރަށަކަށް ޓީވީއެއް ނުލިބޭނެ. ވީމާ ފުޓުބޯޅައިގެ މައުލޫމާތު ހަމައެކަނި ލިބޭ ވަސީލަތަކީ އެއީ. އެ ޕްރޮގްރާމުގެ ޒަރިއްޔާއިން ބޭރު ދުނިޔޭގައި ފުޓުބޯޅައިގެ ކަންކަން ހިނގާ ގޮތް ވަރަށް ބޮޑަށް އޮޅުން ފިލި. އޭގެ ތެރޭގައި ޕްރޮފެޝަނަލް ކުޅުންތެރިން އުފައްދާ ތަނަކީ ކުލަބުތައް ކަން އެނގުނު. ކުލަބުތަކަށް ކުދިން ނަގަނީ އެކެޑެމީތަކުން ކަން ދަސްވި. އަޅުގަނޑަށް ފުރަތަމަ ޓީވީން މެޗެއް ފެނުނީ އޭރު ސްކޫލް ދައުރުގައި. އެއީ 1998ގެ ވޯލްޑްކަޕް ފައިނަލް މެޗް،" ކުލަބް ވެލެންސިއާއަށް ސަޕޯޓް ކުރާ މޫސަ ބުންޏެވެ.
މޫސަގެ ފުރަތަމަ ވަޒީފާ
މޫސައަކީ ކުޅިވަރުގެ އިތުރުން ކިޔެވުމުގައި ވެސް އޭރު ފާހަގަ ކޮށްލެވޭ ދަރިވަރެކެވެ. އޭނާ އޯލެވެލް ހެދި އަހަރު ރ. މަޑުއްވަރީ ސްކޫލްގައި ކިޔަވައިދިނުމަށް ފޮނުވަން، މޭނާ ސްކޫލުގެ ނަތީޖާ ރަނގަޅު 12 ވަރަކަށް ކުދިން ހޮވިއިރު އޭނާ ވެސް އޭގައި ހިމެނުނެވެ. އަދި ފުރަތަމަ އަދާކުރި ވަޒީފާއަކަށް މަޑުއްވަރީ ސްްކޫލްގެ ޓީޗަރެއްގެ މަގާމު ހަމަޖެހިގެން ދިޔަ އެވެ.
ރަށުން ބޭރުގައި ވަޒީފާ އަދާކުރި ނަމަވެސް، އޭނާ ގަވައިދުން ކުޅެންދެ އެވެ. އޭގެ ސަބަބުން އޭނާގެ ހުނަރު ދުވަހެއް ދުވަހަކަށް ތަރައްގީވަމުން ދިޔަ އެވެ. ފަހުން އެ ވަޒީފާ ދޫކޮށްލައި ރ. މީދުއްޕަރު ރިސޯޓުގައި ހަތަރު އަހަރު މަސައްކަތް ކުރިއިރު ހޮޅުދޫ ޓީމަށް އޭނާ ކުޅުނެވެ. އެ ދުވަސްވަރު އޭނާގެ ނަސީބު ދިމާކުރި ގޮތުން ކޯޗެއްގެ އިރުޝާދު ލިބި ގިނަ ހުނަރުތައް ދަސްވި އެވެ.
މޫސަގެ ހުނަރަށް ބަލައި ދެފަހަރެއްގެ މަތިން މާލޭގައި، ވެލެންސިއާ އަދި ނިއުރޭޑިއަންޓަށް ކުޅުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފި ދިޔައީ މާލޭގައި ދިރިއުޅެން ޖެހުމުން ދިމާވި ދަތިތަކާ ހުރެކަން އޭނާ ފާހަގަ ކުރި އެވެ. އެކަމަކީ ފަހުން ހޮޅުދޫގައި ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް އޭނާ ބޭނުންވި ސަބަބެކެވެ.
ހޮޅުދޫ ޓީމްގެ ކެޕްޓަން ކަމާއި ޒޯން 2 ގެ އެންމެ މޮޅު ކުޅުންތެރިޔާ
މޫސަ ފާހަގަކޮށްލެވެނީ މޮޅު ލީޑަރެއްގެ ގޮތުގަ އެވެ. މޭނާ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރެއްގެ ވަޒީފާގައި ހުރެ ސްކޫލްގެ ޒިންމާ ނަގަމުން ހޮޅުދޫ ޓީމްގެ ކެޕްޓަންކަން މެދުނުކެނޑި ގިނަ އަހަރުތަކެއްގައި މޫސަ ކުރި އެވެ. ހޮޅުދޫގެ ޖަމިއްޔާއެއްގެ ނަމުގައި ކުޅުނު ނަމަ ވެސް، ލީޑަޝިޕް ބޭންޑް އަޅުވާލެވޭ އެންމެ ހުނަރުވެރި ކުޅުންތެރިޔާއަކީ އަބަދުވެސް އޭނާ އެވެ.
ފުޓްބޯޅައިގެ އިތުރުން ވޮލީ، ހޭންޑް ބޯލް، ނެޓްބޯޅައިގެ އަމްޕަޔަރުކަން ވެސް އޭނާ ކުރި އެވެ. އެހެން ނަމަވެސް އެންމެ ބޮޑަށް ސަމާލުކަން ދެވެނީ އަބަދުވެސް ފުޓުބޯޅައަށެވެ. އޭނާގެ ހުނަރު ތަރައްގީ ކުރުމަށް އަމިއްލައަށް އިސް ނަގައިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އޭގެ ތެރޭގައި އެފްއޭއެމް އިން ބާއްވާ ގިނަ ޕްރޮގްރާމްތަކުގައި އަމިއްލައަށް ބައިވެރިވެ އެވެ.
ފުޓުބޯޅަ ހަޔާތުގައި އެންމެ އުފާވި އެއް ދުވަހެއްގެ ގޮތުގައި އޭނާ ފާހަގަ ކުރަނީ، 2009 ވަނަ އަހަރު، ޒޯން 2ގެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހޮވުނު ދުވަހާއި 2015 ގައި ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމު ލިބުނު ދުވަހެވެ.
"ގައުމީ އިނާމަށް އަޅުގަނޑު ކުރިމަތިލީ ރަންދެލި ރިސޯޓުގެ ޖިމް ރެކްރިއޭޝަނަލް ވަޒީފާގައި ހުރި ދުވަސްވަރު. އެ އިނާމުގެ ސަބަބުން ކުޅިވަރު ކެރިއާގައި އިތުރަށް ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގެން ދިޔަ، ދެން އެރޭ އެ ހަފްލާގެ ތެރެއިން އަޅުގަނޑު ބުނިން އަޅުގަނޑު އެންމެ ބޭނުންވާ ކަމަކީ ކުޅިވަރު އެކަޑަމީއެއް އުފައްދަން ކަމަށް،" އޭނާ ބުންޏެވެ.
ޖެހިގެން އައި އަހަރު 2010 ގައި، އީރާންގައި ފުޓްބޯޅަ ކޯޗިން ކޯހެއް އޭނާ ފުރިހަމަ ކުރި އެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން 2014 ގައި މެލޭޝިއާގައި ޑީ ލައިސަންސް ކޯޗިން ކޯހެއް ވެސް ފުރިހަމަ ކުރި އެވެ.
ރާއްޖޭން ބޭރުގައި ފުރިހަމަ ކުރި ދެ ކޯޗިން ކޯހުން ވެސް އޭނާ ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. ކޯހުގައި ކިޔެވި ދުވަސްވަރު އޭނާގެ އެއް އަމަޒަކަށްވީ އެކެޑަމީތައް ހިންގާ ގޮތް ދަސްކުރުމެވެ. އޭނާ ބެލި ބެލުމުން ހޮޅުދޫގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކުޅިވަރު އެކަޑެމީއެއް ހިންގިދާނެ ކަމަށް ވިސްނުނެވެ. އެ ވިސްނުން އެހެން މީހުންގެ ސަމާލުކަމަށް ގެނައީ އޭނާއަށް ކުޅިވަރަށް ޚިދުމަތް ކުރުމުގެ ގައުމީ އިނާމު ލިބުނު ހަފްލާގެ ތެރެއިން ދެއްކި ވާހަކައިގަ އެވެ.
ކޯޗެއްގެ ގޮތުގައި ތަފާތު ދެއްކި
ކޯޗެއްގެ ގޮތުގައި މޫސަ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ، ހުރިހާ ރިސޯޓުތަކަށް އަމާޒުކޮށް އޭދަފުށީގައި ބޭއްވި "ބޮޑުބޯލު" މުބާރާތުންނެވެ. އެފަހަރު އޭނާ ކޯޗްކޮށްދިން ރޯޔަލް ރިސޯޓް ބަލިވި ނަމަވެސް އޭނާގެ ކޯޗިން ކެރިއާ ވަރަށް ކާމިޔާބު ކަމަށް ބުނެވިދާނެ އެވެ. ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ތައްޓެއް ލިބިފައި ވަނީ 2014 ގައި ދ. އަތޮޅުގެ ރިސޯޓު މުބާރާތުގައި، ރޯޔަލް ރިސޯޓަށް ލިބިފައިވާ ރަނަރަޕް ތައްޓެވެ.
"އޭގެ ފަހުން 2017 ގައި މާލެ އަތޮޅު ލީގުގައި އަޅުގަނޑު ކޯޗު ކޮށްދިން ނިޔާމަ ރިސޯޓް ޓީމަށް ޗެމްޕިއަންކަން ލިބުނު. ދ. އަތޮޅު ވެލާވަރު، ކޯރާކޯރާ ވެސް ހަމަ އަޅުގަނޑުގެ ކޯޗްކަމުގެ ދަށުގައި ތަށި ލިބުނު. މިތާ ފާހަގަ ކޮށްލަން ކޮންމެ ރަށެއްގެ ވެސް ފުރަތަމަ ތަށިކަން އެއީ. އަޅުގަނޑު ނަގާ އެންމެ ބޮޑު ޗެލެންޖަކީ ތަށި ނުލިބޭ ބަޔަކާއެކީ މަސައްކަތް ކުރުން،" މޫސަ ބުންޏެވެ.
މި ހާހިސާބަށް އެންމެ ރަނގަޅު ނަތީޖާއެއް މޫސައަށް ނެރެވިފައި ވަނީ ހއ. ދިއްދޫގަ އެވެ. ދިއްދޫ ކައުންސިލް ކަޕް 5 ފަހަރު ފައިނަލް ކުޅެ، ހަތަރު ފަހަރު ޗެމްޕިއަންކަން ލިބިފައިވެ އެވެ. އަތޮޅު ޗެމްޕިއަންކަން، ޒޯން ރަނަރަޕް ކަން އަދި ރީޖަންގެ ޗެމްޕިއަން ކަން ދިއްދޫ ޓީމާއެކު ހޯދިފައިވެ އެވެ.
ކުޅިވަރު އެކަޑަމީއެއް އުފެއްދުން
ހޮޅުދޫގެ ކާމިޔާބު "މައި ޔޫޓައިލް ސްޕޯޓްސް އެކަޑަމީ" އަކީ އޭނާ ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް ހުޅުވި ވަރަށް ކާމިޔާބު އެކަޑަމީ އެކެވެ. އެކަޑަމީއަށް މިހާރު 10 އަހަރު ވެފައިވާއިރު، އެތަނުން ގިނަ ކުދިންތަކެއް އަންނަނީ ފުޓުބޯޅައިގެ އިތުރުން އެކި ކުޅިވަރުގެ ފަންނުގައި ކުރި އަރަމުންނެވެ.
"އަޅުގަނޑަށް މާލޭގައި ކުޅެން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީމައި، ފުޓުބޯޅަ ކުޅުންތެރިއެއް އުފެއްދުމާއި އެ ފުރުސަތު އެހެން ކުއްޖަކަށް ހޯދައި ދިނުމަށް ފުރުސަތެއް ލިބޭތޯ އަބަދުވެސް ބަލަމުން އައީ،" މޫސަ ބުންޏެވެ.
އެކަޑަމީ އުފެއްދުމުގެ މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކުގެ އެހިއާއި އެއްބާރުލުން ލިބުނުކަން ވަރަށް އުފަލާއެކު މޫސަ ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި ހޮޅުދޫގެ ރައްޔިތުންނާއި މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް އަދި ހާއްސަކޮށް ބާފާ ޖަމިއްޔާ އޭނާ ފާހަގަ ކުރި އެވެ.
ކުޅިވަރު ކުޅުމަކީ އާމްދަނީއެއް ހޯދިދާނެ ކަމެއްކަން އޭނާގެ އާއިލާއަށް ކުރިން ގަބޫލު ކުރެވިފައި ނުވި ނަމަވެސް، އެ ވިސްނުން އޭނާ ބަދަލުކޮށްފި އެވެ. މިއަދު އޭނާއަކީ ހޮޅުދޫގެ ފަހުރެކެވެ. އޭނާގެ ވަޒީފާއަކީ ކުޅިވަރު ކުރިއެރުވުމެވެ. އެ ދާއިރާއިން އޭނާއަށް ލިބޭ ފުރުސަތު ވެސް ގިނަ އެވެ. އެ ހިސާބަށް އާދެވުމުގައި ރަށުގެ ރައްޔިތުންނާއި، މުއައްސަސާތައް، ގާތް ރައްޓެހިން، އާއިލާ އަދި އޭނާގެ އަންހެނުން ދީފައިވާ އެހީތެރިކަމާ އެއްބާރުލުން އޭނާ ފާހަގަ ކުރެ އެވެ. މިހާރު މޫސަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އުމުރު ފުރާއެއްގެ ގައުމީ ކޯޗެއްގެ ގޮތުގައި ފެނިލުމެވެ.