ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ގާއިމް ކުރި ހިޔާ މަޝަރޫއުގެ ފްލެޓްތަކުގެ ހަތް ކެޓަގަރީއަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދީފި އެވެ.

ރައީސް އޮފީހުން އުފައްދާފައިވާ ފްލެޓް ކޮމިޓީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ކޮމިޓީން ދިރާސާކޮށް ނެރެފައިވާ H4, H5, H6, H7, H8, H9 އަދި H10 ކެޓަގަރީތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު އާންމު ކުރީ ބައެއް ކެޓަގަރީތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވިފަހުންނެވެ. އެހެންވެ، އެ މައްސަލަ އެފަރާތްތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައި އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ފްލެޓް ކޮމިޓީން ބުނީ އެކަމުގެ ކަންބޮޑުވުންތައް އެކި ފަރާތްތަކުން އެ ކޮމިޓީއާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ އެކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.

ޝަކުވާ ހުށަޅުމުގެ ފުރުސަތު ދީފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިން ކޮށެވެ.

ކޮމިޓީން ބުނީ، މިއީ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން އެ ކޮމިޓީން، މިފަހަރު ރިއާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނީ "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމަށެވެ. އެކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3010718 އަށް ގުޅުމަށް ފްލެޓް ކޮމިޓީން ވަނީ އެދިފައެވެ.

މީގެ ކުރިން ޝަކުވާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިއުލާންގައި ވެ އެވެ.