ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން، ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށް ހައި ކޯޓުގައި އެދިއްޖެ އެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގަ އެވެ.

ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ޔާމީން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

ހައި ކޯޓުގައި މިއަދު ފެށި ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން، ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށް އެދޭކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމަށް ހައި ކޯޓަށް ދީފައި އޮންނަ ކުރު މުއްދަތުގައި ކްރިމިނަލް ކޯޓުން އާންމުކޮށް ވެސް ޝަރީއަތް މަޑުޖައްސާލާ ކަމަށާއި، އަދި ދައުލަތަށް ކްރިމިނަލް ކޯޓުން އަދި ނޯޓިސްއެއް ފޮނުވާފައި ނެތް ކަމަށެވެ.

އެހެން ވިޔަސް ވަގުތީ އަމުރެއް ނެރެދިނުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް ވެސް ޝަހުމާ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ވަގުތީ އަމުރު ނެރެދިނުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ދީބަނާޒު ފަހުމީއާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.