މި ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުންނާއި ބައެއް އިސްވެރިން މިރޭ 12:00 ގެ ކުރިން އެޕާޓީން އިސްތިއުފާ ދެއްވުމަށް ތައްޔާރުވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ރާއީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރާއީ ވަނީ، މިވެރިކަމުގައި ހަމަޖެހިލައިގެން އުޅުމުގެ ފުރުސަތު ލިބުނު ކަމަށް ގާސިމް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް މާދަމާ ގާސިމް ހުށަހަޅާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރާއީ ވަނީ އޭގެ ފަހުން ދެން ގާސިމަށް ވެގެންދާނެ ގޮތަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ.
ރާއީ ވިދާޅުވީ މިހާރު ވެސް ގާސިމްގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި އިލްމީ ބައެއް ވަޒީރުން ވަނީ ސަރުކާރާ އެއްކޮށް މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީ އިން އިސްތިއުފާ ދެއްވާފަ އެވެ. އަދި ޖޭޕީގެ މެމްބަރުންތަކެއް މިއަދު އެ ޕާޓީ އިން އިސްތިއުފާ ދިނުމަށް މަސައްކަތްތައް ކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ރާއީ ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުގައި މިރޭ 12 ޖެހުމުގެ ކުރިން އަނެއްކާ ވެސް ބައެއް ވަޒީރުންނާ ތަންތަނުގެ ވެރިން އިސްތިއުފާ ދެއްވާނެ ސަރުކާރާ އެކީ މަސައްކަތް ކުރުމަށް ބޭނުންވާތީ،" ރާއީ ވިދާޅުވި އެވެ.
ރާއީ އިތުރަށް ވިދާޅުވީ ގާސިމް ފަހަތަށް ޖެހިވަޑައިގެން މިހާރު އޮތް ސަރުކާރާއިއެކު ކުރިއަށް ވަޑައިގަތުމަށް ނިންމެވުމަކީ ރަނގަޅު ނިންމުމެއްގެ ގޮތުގައި އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ. ޖޭޕީއާ ނުލާ ވެސް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.
އެކަމަކު، އުނދަގޫތަކެއް ހުންނާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.