ގުޅިފަޅު ހިއްކުމުގެ މަޝްރޫޢު އަންނަ އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން މިހާރު ގުޅިފަޅުގައި މޮބިލައިޒްކޮށް، އެކަމަށް ބޭނުންވާ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. އަދި ބިން ހިއްކާ ސަރަޙައްދު ކަނޑައަޅާ، އެ ސަރަޙައްދުގެ ބައުންޑް ވޯލް ޖެހުމުގެ މަސަައްކަތް މިހާރުވެސް ފަށާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

އޭޕްރިލް މަހުގެ ތެރޭގައި ބިން ހިއްކަން ވެލި އަޅަން ފަށާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ގުޅިފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި، ފަޅަށް އަޅާނެ އެވެ. އަދި ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ހާއްސަ ކުރަނީ ސަރުކާރުން ގުޅިފަޅުގައި ތަރައްގީކުރާ ސަރަހައްދީ ވިޔަފާރި ބަނދަރުގެ މަސައްކަތަށެވެ.

މިނިސްޓްރީއިން ބުނީ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަހުކޮޅަށް މުޅިން ނިންމާނެ ކަމަށެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޮސްކާލިސްއާއެކު އެއްބަސްވެފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ.