ރޯދަ މަހަކީ އަހަރުމެންގެ ކެއުމަށް ގިނަ ބަދަލުތަކެއް އަންނަ މަހަކަށްވާއިރު އެ ބަދަލުތަކުގެ ތެރޭގައި ގިނަފަހަރަށް ނޭދެވޭ ބަދަލުތައް ވެސް ހުރެ އެވެ. ދުޅަހެޔޮ ގޮތުގައި ރަމަޟާން މަސް ހޭދަ ކުރުމަށްޓަކައި ސިއްހަތަށް ގެއްލުންހުރި ކާބޯތަކެތީގެ ބާވަތްތަކުން ދުރުވުމަކީ މުހިއްމު ކަމެކެވެ.

ކެފެއިން އަދި ފިޒީ ބުއިންތައް

އެނާޖީ ޑްރިންކްސްގެ ބާވަތްތަކާއި، ކޮފީ، ކޯލާ، ފަދަ ބުއިންތަކުގައި ގިނަ އަދަދަކަށް ކެފެން ހުރެއެވެ. ކެފެއިން އެކުލެވޭ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑުން ފެންބޭރުވާ މިންވަރު އިތުރުކޮށް، ނޫނީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުމަށް ބާރުއަޅައި، ކަރުހިއްކުން އިތުރުކުރުވައި، ވަރުބަލިކަމާ ލޮޑުކަން ގެނެސްދޭނެ ކަމެކެވެ.

ހަވާދުގެ ބާވަތްތައް

ހަވާދުލާފައި ހުންނަ ކުޅިކާނާގެ ބާވަތްތަކާއި މާގިނައިން ތެޔޮ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ހިމެނުން ރަނގަޅެއް ނޫނެވެ. މިފަދަ ކާތަކެތީގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުގައި މަތިންއެރުމާއި، އަނގައިން ވައިލެވުން، ބަނޑަށް އުދަނގޫވުން، މެއިން ދިލަނެގުން ފަދަ ގޭހުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ.

ލުއި ކާނާގެ ބާވަތްތައް

ރެސްޓޯރެންޓުތަކުން އޯޑަރުކޮށްގެން ލުއިކާނާގެ ބާވަތްތައް އިތުރު ކުރުމަކީ ގިނަ ބައެއްގެ އާދަ އެކެވެ. ބާގާ އަދި ސަބްމެރިން ފަދަ ބާވަތްތަކުގައި ގިނަ އަދަދަކަށް ލޮނު ހުރެއެވެ. ލޮނުއަޅާފައި ހުންނަ ތަކެތި މާގިނައިން ބޭނުންކުރުމަކީ ކަރުހިއްކުމާއި، ފެންބޮވާ މިންވަރު އިތުރުކުރާނެ ކަމެކެވެ.