ސްކޫލް ނިމޭއިރު ކުރިއަށް ދާންވާ ދާއިރާ ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ހެއްޔެވެ؟ ކުރިއަށް ދާންވާ ދާއިރާއެއް ނޭނގޭ ނަމަ އެހެން މީހުން އެކަމުގެ ތެރެއަށް ނުވަދެ، އެ ކުއްޖަކު އަމިއްލައަށް ދާއިރާ ކަނޑައަޅަން ދޫކޮށްލައި، ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އެ ކުރާ ކަމެއްގައި ހިތްވަރު ދިނުމަކީ އެ ކުއްޖެއްގެ މުސަތަގުބަލަށް ކިހާ މުހިންމު ކަމެއްކަން މި ހުނަރުވެރިޔާގެ ހަޔާތަށް ބަލާލުމުން އެނގިގެންދެ އެވެ.
ސ. ފޭދޫއަށް އަށް އުފަން އަފާ ޝަފީއު (އަފާ) ބޭކާރީގެ މަސައްކަތުގެ ތެރެއަށް ވަދެވިދާނެ ކަމަކަށް ކުރިން ދުވަހަކު ވެސް ހީކޮށްފައެއް ނުވެ އެވެ. ސްކޫލް ނިމުމަށްފަހު ދިރިއުޅެމުން ދިޔައީ މާބޮޑު މަގުސަދެއް ނެތި އެވެ. ވިސްނަންޖެހޭ ކަމެއް އަދި ޒިންމާއެއް ނެތެވެ. ދިރިއުޅުނީ ހަލަބޮލި މާލޭގައި "ކެއާފްރީ" ކޮށެވެ. އުމުރުގެ ވަކި ހިސާބަކުން ޒަވާޖީ ހަޔާތެއް ފަށައި، ފުރަތަމަ ދަރިފުޅަށް ބަލިވެ އިނުމުން އައްޑޫއަށް ދިރިއުޅުން ބަދަލުކުރި އެވެ.
މަންމައަކަށް ވުމުން ދިރިއުޅުގެ ކަންކަމުގައި އަވަދެތި އުޅެން ފެށި އެވެ. ފުރަތަމަ ދަރިފުޅު ވިހެއުމަށް ފަހު ގިނަ ދުވަހެއް ނުވެ ދެވަނަ ދަރިއަކަށް އޭނާ ބަލިވެ އިނެވެ. އެއަށްފަހު ހަޔާތަށް ބޮޑު ބަދަލެއް އައީ ކޮވިޑްގެ ބަލިމަޑުކަން ޖެހި ގެއިން ނުނިކުމެ ހުންނަން ޖެހުނު ހިސާބުންނެވެ. އެ ދުވަސްވަރު ފޫހިފިލުވާލުމަށް އެކި މީހުން އެކި ކަންތައް ކުރި އެވެ. ގޭތެރެ ޒީނަތްތެރި ކުރުމާއި ގަސް އިންދުމާއި ކަސްރަތުކުރުމެވެ. އެހެން މީހުންނާ ޚިލާފަށް އަފާ ޚިޔާރު ކުރީ މީރު ފޮނި ކާއެއްޗެތި ތައްޔާރު ކޮށްގެން ކާށެވެ. މާބަނޑު ދުވަސްވަރުކަމުން ކަން ވާނީ ވެސް އެހެންނެވެ.
އަފާ ބުނިގޮތުގައި އޭނާއަށް ފޮނި ކާއެއްޗެތި އަބަދުވެސް ވަރަށް މީރެވެ. އެހެންވެ ކޮވިޑްގައި ވެރިވި ފޫހިކަމުގެ ތެރޭގައި ފޮނި ކާއެއްޗެތި ހަދަން ފެށީ އެވެ. ފުރަތަމަ ވެސް ތައްޔާރު ކޮށްލީ ބްރައުނީ އެކެވެ. އެ ބްރައުނީގެ ރަހަ އޭނާގެ ފިރިމީހާއަށް ވެސް ދައްކާލި އެވެ.
އަފާގެ ފިރިމީހާއަށް އެ ބްރައުނީގެ ރަހަ ވަރަށް މީރުވި އެވެ. އެއާއެކު ވަރަށް މޮޅު ޚިޔާލެއް ދިނެވެ.
"ފިރިމީހާ އެ ދުވަހު ބުނީ ބްރައުނީ މީރުވީމަ ވިޔަފާރިއަށް ހަދައިގެން ވިއްކަންވީ ނޫންހޭ. ކޮވިޑް ތެރޭގައި އާމްދަނީ އެއްވެސް އެ މަސައްކަތުން ލިބޭނެ ނޫންހޭ،" އޭނާ ބުންޏެވެ.
ދުވަހަކު ވެސް ބޭކަރީގެ މަސައްކަތް ކޮށްފައި ނުވާތީ ފުރަތަމަ އެ މަސައްކަތް ކުރުމަށް އޭނާ ޖެހިލުންވި އެވެ. އެހެން ނަމަވެސް ފިރިމީހާ ދިން ހިތްވަރާއެކު އެ މަސައްކަތް ކޮންމެވެސް ސިފައެއްގައި ފެށުމަށް އޭނާ ނިންމި އެވެ. ވިޔަފާރިއަށް ބްރައުނީސް ހެދުމުގެ ކުރިން އާއިލާގެ މީހުންނަށާއި ގާތް ރައްޓެހިންނަށް އޭނާ ބްރައުނީގެ ރަހަ ދެއްކި އެވެ. އަދި އެ މީހުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާގެ މަތިން ބްރައުނީއަށް އަޅާ ތަކެތި ފަހަރަކަށް ވުރެ ފަހަރެއް ބަދަލުކޮށް ރަހަ މީރުކުރުމުގެ މަސައްކަތް ކުރި އެވެ. އެންމެ މީރު ބްރައުނީ ހެދުމުގެ ބޭނުމުގަ އެވެ.
"މާފޮންޏޭ މީހަކު ބުނެފި ނަމަ ރެސިޕީ އެޖެސްޓް (ބަދަލު) ކުރަނީ. އެގޮތަށް ރެސިޕީ ބަދަލު ކުރަމުން ގޮސް އެންމެނަށް މީރު ގޮތަށް ބްރައުނީސް ހެދެން ފެށީމަ ވިޔަފާރީގެ ގޮތުގައި އެ މަސައްކަތް ފެށީ. ފަހުން ވެސް މީހުން ބޭނުންވާ ގޮތަށް އޭގެ ރަހަ ބެހެއްޓުމަށް ކުދި ބަދަލުތައް ގެނައިން،" މުސްތަގުބަލުގައި ބްރައުނީސް ގިފްޓް ފިހާރައެއް ހުޅުވުމަށް އުންމީދުކުރާ އަފާ ބުންޏެވެ.
ވިޔަފާރި ފަށައި، ވައިގައި ހިފުމުން ދެން ބްރައުނީސްގެ ގިނަ ވައްތަރުތައް ހިމެނި އެވެ. އެގޮތުން ބްރައުނީ ޓަވާސްއާއި ބްރައުނީ ބޮކްސް އާއި ބްރައުނީ ކޭކްސް ހަދަން ފެށި އެވެ. ކޮންމެ އަހަރަކު އާ ވައްތަރެއް އިތުރު ކުރެވޭތޯ އޭނާ ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔަ އެވެ. އެގޮތަށް ވައްތަރު ގިނަ ކުރަމުން ގޮސް އެއް އަހަރު ހިފަހައްޓާލެވުމުން ކުކީސް އާއި ޗީޒް ކޭކު ހަދަން ފެށި އެވެ. އަދި ފަހުން ތަފާތު ވައްތަރުގެ ކޭކުތައް ވެސް ހަދަން ފެށި އެވެ.
އަފާ ބޭކަރީ މަސައްކަތް ދަސްކުރީ ޔޫޓިއުބް ބަލައިގެންނެވެ. މިހާތަނަށް ކާމިޔާބުކަމާ އެކީ ބޭކަރީ މަސައްކަތުގައި ހިފަހައްޓާލެވުނީ އެތައް ފަހަރަކު ފެއިލްވުމަށްފަހު ވެސް، ހިތްވަރު އެލުވާނުލައި އެ މަސައްކަތުގައި ދެމިހުރުމަށް ކުރި ބުރަ މަސައްކަތުންނާއި އާއިލާއިން ވެދިން ފުރިހަމަ އެހީތެރިކަމުގެ ސަބަބުން ކަން އޭނާ ފާހަގަކުރި އެވެ.
ވިޔަފާރި ކުރުމަށް ބޭނުންވާ ޢިލްމް ވެސް އޭނާ ލިބިގަތެވެ. އެކަމަށްޓަކައި މެޕްސް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ފުރިހަމަ ކުރި އެވެ. 2024 ގައި ގްރެޖުއޭޓްވީ އެކޯހުގެ އެންމެ މޮޅުދަރިވަރުގެ ގޮތުގަ އެވެ.
އަފާ ކުރަނީ ވަރަށް ބުރަ މަސައްކަތެކެވެ. އެ ކަމުގައި އުޅޭއިރު ހިންދެމިލަން ލިބެނީ މަދު ފަހަރަކު އެވެ. ބޮޑު އޯޑަރެއް ލިބިއްޖެނަމަ ރޭގަނޑެއް، ދުވާލެއް ނުބަލައި 24 ގަޑިއިރު ވެސް މަސައްކަތް ކުރަންޖެހޭ ފަހަރު ވެސް އާދެ އެވެ. މި ބުރަ މަސައްކަތުގައި އޭނާގެ ދެފަރާތުގެ އާއިލާއިން ލިބޭ އެހީތެރިކަމަށްޓަކައި ނިހާޔަތައް ޝުކުރުވެރިވެ އެވެ.
އަފާ ފާހަގަ ކުރިގޮތުގައި އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުމަކީ އޭނާގެ ކުރިއެރުމެވެ. އޭނާ ވިހައިގެން އުޅުނުއިރު އޭނާގެ މަސައްކަތް ހުއްޓުނަ ނުދިނުމަށް ފިރިމީހާ އާއި މަންމަ އަދާކުރި ރޯލާއި އެ ދުވަސްވަރު ފިރިމީހާ ވަޒީފާއިން ގެއަށް އައިސް ބްރައުނީސް ފިހެދިނުމުގައި އުޅެދިންކަން ވަކިން ޚާއްސަކޮށް ފާހަގަކުރި އެވެ.
މިހާތަނަށް ދެ އެކްސްޕޯއެއްގައި ބައިވެރިވެ އޭނާގެ ބޭކަރީ ހުނަރު ދައްކައިދީފަ އެވެ.
"އަޅުގަނޑު ވަރަށް ޖެހެލުންވި އެކްސްޕޯ ކަހަލަ ބޮޑެތި އިވެޓްތަކުގައި ބައިވެރިވާން. އެކަމަކު ރިސްކު ނަގައި ބައިވެރިވިން. އޭގެ ސަބަބުން އުންމީދުތަކެއް އާވި އަދި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ހިތްވަރެއް ލިބުނު،" އަފާ ބުންޏެވެ.
އޭނާގެ އުފެއްދުންތަކަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ. ހުޅުމާލޭ ސްޓެލްކޯ ޓަވަރުގައި ހުންނަ މޯމޯކޯނާސްގައި އޭނާގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑް ބޮޑެވެ. އޭނާގެ ޓިކްޓޮކް ފޮލޯވާސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
"މަންމަ ވެސް ވަރަށް އެހީތެރިވެދޭ. ބުނާނެ އަފާ ހަމަ މަސައްކަތް ކުރިއަށް ގެންދާށޭ. މަސައްކަތް ނިންމާފައި އެއްޗެއް ދޮންނަން ހުރިނަމަ ބަހައްޓާށޭ. އެގޮތަށް މަންމަ ވަރަށް އެހީތެރިވެދޭ. ކުދިކުދި ފަސޭހަ ވެސް ކޮށްދޭ. މަންމަ އާއި ބައްޕަ އަދި ބޭބެމެން އަޅުގަނޑު މަސައްކަތް ކުރާއިރު އަޅުގަނޑުގެ ދެ ކުދިން ފޫހިފިލުވަން ގޮވައިގެން ބޭރަށް ގޮސްދޭ. ކުދިން ބެލެހެއްޓުމުގައި އަޅުގަނޑުގެ ފިރިމީހާގެ އާއިލާގެ ހިއްސާ ވެސް ހަމަ ވަރަށް ބޮޑުކަން މިފުރުސަތުގައި ފާހަގަ ކޮށްލަން،" އޭނާ ބުންޏެވެ.
މިކަހަލަ ވިޔަފާރިއެއް ފަށާ މީހަކަށް އަފާ ދޭ ނަސޭހަތަކީ ކޮބައިތޯ އެހުމުން ބުނީ މަސައްކަތެއް ފަށަން ބޭނުންނަމަ ކޮންމެވެސް ގޮތަކަށް ފެށުމެވެ. ފެއިލް ވެދާނެތީ ނުފަށާ ނުހުރުމަށެވެ. ކުޑަކޮށް ފަށައިގެން ފަހުން ފުޅާ ކުރުމަށެވެ. އަލަށް ކަމެއް ފަށައިގަންނައިރު ލަސްލަހުން އުޅުމަކީ އަފާ ބުނި ގޮތުގައި ދިގު މުއްދަތަކަށް އެކަމުގައި ދެމިހުރުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.
"ދަރިން ލިބުމުގެ ކުރިން އަޅުގަނޑު ދިރިއުޅެމުން އައީ އެއްވެސް މަގުސަދެއް ނެތި. ހަގީގަތުގައި ދިރިއުޅުން ފެށުނީ ދަރިން އުފަންވުމަށްފަހު. އަޅުގަނޑު ދެކޭ ގޮތުގައި އެ ކުދިންނަކީ އަޅުގަނޑަށް ﷲ ދެއްވެވި ރިޒުގެއް. މިއަދު އަޅުގަނޑު ކިޔެވިއަސް އަދި މަސައްކަތް ކުރިއަސް އެއީ އެ ކުދިންނަށްޓަކައި ކުރާ ކަމެއް. އަޅުގަނޑު ބޭނުން ވަނީ އެ ކުދިން ބޮޑުވެ އަޅުގަނޑުގެ މަސައްކަތާ މެދު ފަޚުރުވެރިވާ ކުދިންނަށް ވުން،" އަފާ ބުންޏެވެ.