އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ވ. ފުއްގިރި މައްސަލަިއގައި ކުރިއަށްދާ ޝަރީއަތް މަޑުޖެއްސުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިމިނަލް ކޯޓުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.

ހައިކޯޓުން އަމުރު ކޮށްފައި ވަނީ ފުއްގިރިކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅުވައިގެން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކުގެ އަޑުއެހުންތައް މަޑުޖައްސާލުމަށެވެ.

މި އަމުރު ނެރެފައި ވަނީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމާމެދު ކުރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ނިންމެވި ނިންމެވުމާ ގުޅިގެން ހައިކޯޓުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިއުނާފުކުރައްވާ މައްސަލައިގެ ތެރެއިން އެމަނިކުފާނުގެ ވަކީލުން އަމުރެއް ނެރެދެއްވުމަށް އެދިވަޑައިގަތުމުންނެވެ.

އެ މައްސަލަ ހައިކޯޓަށް ހައިކޯޓަށް ހުށައަޅާފައިވަނިކޮށް އިސްތިއުނާފީ މައްސަލައެއް ހުށަހެޅުމުން ކުރިމިނަލް ކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލާ ހިލާފަށް އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށް ކުރިމިނަލް ކޯޓުން ވަނީ ފުށްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.

މި އަމުރު ނެރުއްވާފައި ވަނީ ހައިކޯޓުގައި މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޙަސަން ޝަފީއު އާއި ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުންނެވެ.

އެ އަމުރު ނެރުއްވިއިރު މިއަދު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ކުރިއަށްގެންދިޔަ އެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފީ މައްސަލާގައި ފާހަގަކުރައްވާފައި ވަނީ ފުއްގިރި މައްސަލައާ ގުޅުންހުރި މުހިއްމު ގިނަ ލިޔެކިޔުންތަކެއް ދައުލަތުން ހާމަކުރަން ދެކޮޅުހަދާފައިވާ ކަމަށެވެ. އަދި އެ ހެކިތައް ހާމަކުރަން އެދުމުން އެ ހެކިތައް ހާމަކުރަން ނުޖެހޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ވަކީލުން ހުށައަޅާފައިވެ އެވެ.