ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގެ ވައުދަކީ މިސަރުކާރުގެ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެފައިވާ ވަރަށްބޮޑު ވައުދެކެވެ. ފަޚުރުވެރި ދިވެހި އާއިލާއަކަށް ޖަޒީރާ މެނިފެސްޓޯގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވަޢުދާއެކު ރައްޔިތުން އުފާ އުފަލުން ވޯޓު ދިނެވެ. އަދި ރައީސް ޔާމީން ތަރައްގީ ކުރައްވާފައިވާ ހިޔާ ފްލެޓުން "ހައްގުވެރިންނަށް" އިންސާފުން ފްލެޓް ދޭން ކަމުގެ ޔަގީން ކަމާއެކު ވޯޓު ދިން މީހުން ވެސް މަދެއް ނޫނެވެ.

ޖަޒީރާ މެނިފެސްޓޯގައި ބޯހިޔާވަހި ކަމުގެ ވައުދު ކަޅާ ހުދުން ލިޔެވިފައިވާ ގޮތް

  • ގެދޮރު ހޯދުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަގުފަހި ކުރުމަށްޓަކައި ފައިސާ ރައްކާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމާއި، ފަހަށް ރައްކާކުރުމުގެ މުހިންމު ކަމާމެދު ހޭލުންތެރިކުރުވުން.
  • ބޯހިޔާވަހިކަން ލިބުމަކީ ދިވެހިރައްޔިތުންގެ އަސާސީ އަދި ފަރުދީ ޙައްޤެއްކަމަށް ބަލައިގަނެ، ފަރުދުންނާއި، އެމީހުންގެ އާއިލާތަކަށް އެކަށީގެންވާ ލުއި އަގެއްގައި ބޯހިޔާވަހިކަން ހޯދޭނެ މަގުފަހިކޮށްދިނުން.
  • ގެދޮރު ބިނާކުރުމަށް ބޭނުންވާ ފައިސާއާއި މާލީ އެހީތެރިކަން އެކަށީގެންވާ ލުއިފަސޭހަގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ގޯތި ދެވެންއޮތް ރަށްރަށުން، އެކަމަށް އެދޭމީހުނަށް އިންސާފުވެރި އުޞޫލަކުން ގޯތި ދިނުން.

ގޯތިދެވޭނެ ބިން ނެތް ރަށްރަށުގައި، ފުލެޓު ބިނާކޮށް އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހަށް ދެއްވި މަޢުލޫމާތު ތަކަށް ބަލާއިރު މާލޭގައި، ދިރިއުޅެން ކަމުނުދާ ވަރުގެ ކުދި ތަންތަންކޮޅުގައި، 21،000 އާއިލާ އެބަތިބި ކަމަށާއި އެ އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށެވެ.

އަދި އެއީ ކޮންމެހެން އަލަށް މިސަރުކާރުން ފަށާ މަޝްރޫއުގެ ތެރެއިން ނޫންކަމަށާއި، މިއަދުގެ ހާލަތުގައި ބޯހިޔާވަހިކަން އެންމެ ބޭނުންވާ 21،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ހައުސިން މިނިސްޓްރީން އެކި ކަހަލަ ތަފާސް ހިސާބުތަކާއި މައުލޫމާތުތައް ހިއްސާކުރި ކަމަށް ވިޔަސް މިކަމުގައި ފެންނާން އޮތީ އެއްވެސް ޢާއިލާއަކަށް މިދިޔަ ދެ އަހަރު ބޯހިޔާވަހިކަން ކަށަވަރުކޮށް ނުދެވުނު ކަމެވެ. ދެ އަހަރު ވީއިރު ވެސް ހިޔާ މަޝްރޫއުގެ ފްލެޓް ތަކުގެ "ހައްގުވެރިންނަކީ" ކޮބައިކަމެއް މިސަރުކާރަށް ކަނޑަނޭޅުނު ކަމެވެ.

ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 7،000 ފްލެޓް ހިމެނޭ ޓަވަރުތައް.

ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއަށް ވެސް މިމަސައްކަތް ނުކުރެވި، އެތައް ޒިއްމާއެއް ޙަވާލުކުރެވިފައިވާ މިނިސްޓަރު މުހައްމަދު އަސްލަމްއާ ޙަވާލުކޮށްގެން ވެސް އެންމެ އާއިލާއަކަށް ވެސް އަދި ބޯހިޔާވަހިކަމެއް ނުލިބުނު ކަމެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ މަޝްރޫޢުތައް ވެސް އެބަހުއްޓެވެ. އަސްލަމް ވިދާޅުވީ މިހާރު ހިނގަމުންދާ ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެނީ ހިޔާ ފްލެޓްގެ 6،720 ހައުސިންގް ޔުނިޓާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކުން 3،848 ހައުސިންގް ޔުނިޓާއި ސީއެމްއީސީގެ 1،344 ހައުސިން ޔުނިޓްގެ އިތުރުން އަމިއްލަ ފަރާތްތަކުން އަޅާ ނިމި އަދި އަޅަމުންދާ 2،375 ހައުސިން ޔުނިޓު ކަމަށެވެ.

މިއީ ހައްތާހާވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތަކެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އަދަދު ވެސް މި ސަރުކާރުން ވަނީ އޮޅުވާލާފަ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދާޅުވެފައި ވަނީ 7،000 ފްލެޓްގެ އިތުރުން ވެސް ހަމަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓް މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އެގޮތުން އަލަތު ކައިވެނީގެ 1،000 ފްލެޓާއި ދެ ކޮޓަރީގެ 2،500 ފްލެޓްގެ މަޝްރޫއު، ހިޔާގެ ނަމުގައި ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ކުރިމަތީ މީހުންގެ ތެރެއިން، 7،000 ހަމަވެ ދެން ރިޒާވްގައި ތިބި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުން އަނެއް 2،500 ފްލެޓަށް ހޮވައި، އެމީހުންގެ ނަންތައް ފައިނަލް ކުރެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ލިސްޓް ވެސް ގެޒެޓް ކުރި ކަމަށެވެ. އަލަތު ކައިވެނީގެ 1،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް އިއުލާން ކުރި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ފަހި ދިރިއުޅުން ޕްރޮގްރާމް"ގެ ދަށުން މިސަރުކާރުން ބިންގާ އަޅާފައިވަނީ މުއިއްޒު އެ ވިދާޅުވި އަލަތު ކައިވެނީގެ 2500 ފްލެޓް އެޅުމަށް ފަށާފައިވާ މަޝްރޫއު ބަދަލުކޮށް އާ ޕްރޮޖެކްޓެއްގެ ތެރެއިންނެވެ. މިހާރު އެ 2،500 ފްލެޓް ބަދަލުވެގެން ދިޔައީ މާލޭގެ ރައްޔިތުންނަށް ޚާއްސަ 1،700 ހައުސިން ޔުނިޓަށެވެ. 2،500 މީހުންގެ ހައްގު ނިގުޅައިގަނެ، ނުވިތާކަށް ބިންގާ އެޅުމަށްފަހު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ވެސް ކުރެވިފައި ނެތީ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި 7،000 ހައުސިން ޔުނިޓްގެ ބައެއް ބިލްޑިންގްތަކުގައި އޮރެންޖް ކުލަލާފައި. ފޮޓޯ: އެޗްޑީސީ

މިސަރުކާރު ޙަވާލުވިއިރު ވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އިމާރާތްކުރަން ފެއްޓެވި 40 ޓަވަރެއްގެ އޮނިގަނޑުގެ މަސައްކަތް ނުވަތަ ސްޓްރަކްޗާ މިހާރު ހުރީ ނިމިފަ އެވެ. އެގޮތުން 7،000 ފުލެޓަކީ 16 ޓަވަރެވެ.

އެ 16 ޓަވަރުގެ އިތުރަށް، ދައުލަތުގެ ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރު ހުއްޓެވެ. އެ 12 ޓަވަރުގައި ޖުމްލަ 2،400 ފުލެޓު ހުންނާނެ އެވެ. ސަރުކާރުން އިއުލާނުކުރި އެއް ކޮޓަރީގެ އެޕާޓްމެންޓުތަކަކީ މިފުލެޓުތަކުން ސަރުކާރަށް ނަގައި އިޖުތިމާއީ ގެދޮރުވެރިކަމުގެ ތެރެއަށް ނެރޭ ފުލެޓުތަކެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފައްޓަވައި ބިނާކުރެއްވި ހައުސިން ޔުނިޓުގެ އަދަދަކީ 10،800 ފްލެޓެވެ. މިއީ ގާތްގަނޑަކަށް ފަންސާސް އަށްހާހަށްވުރެ ގިނަ ރައްޔިތުންގެ ބޯހިޔާވަހިކަމެވެ.

ނަމަވެސް މިސަރުކާރުން މީގެމތެރެއިން ބައެއް ފްލެޓްތައް ވުޖޫދުން ވެސް ފޮހެލީ އެވެ. އެއީ ނުވާ ކަމަކަށް ނުވަތަ ނެތްތަންތަން ކަމުގައި ހަދައި އޮޅުވާލިކަމުގެ ސާފުހެކި ރައްޔިތުންގެ ލޮލު ކުރިމަތީ ފެންނާން އެބަ ހުއްޓެވެ.

މިސަރުކާރުގެ ނާގާބިލް ކަމާއި ކަންނެތްކަމާއި ފިރުކެމުންދާ ފިނިހަކަ ސްޕީޑު ދިފާއުކޮށް ލޭބަލް ކުރަނީ "ކޮވިޑް-19" އެވެ. ނަމަވެސް އޭގެ ކުރިން ފާއިތުވި އެއް އަހަރު ސަރުކާރުން ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ކުރީ ކޮންކަމެއް ހެއްޔެވެ؟ ހަމަ އެއާއެކު ކޮވިޑް- 19ގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ގެއްލި ވަޒީފާ ގެއްލި ކުލި ނުދެއްކިގެން އުޅޭއިރު މިސަރުކާރު މިއުޅެނީ ހިޔާ ފްލެޓްގެ އިންސާފުވެރިކަން ކަށަވަރު ނުކުރެވިގެންނެވެ.

"ފްލެޓް ކޮމިޓީ" އެއް އުފައްދާ އިވެލުއޭޓްކުރުމަށް ދެ އަހަރު ނެގި އެވެ. އަދި ވަގުތީ ލިސްޓް އިއުލާން ކުރިއިރު ނިކަމެތި އެތައް ރައްޔިތެއްގެ ފްލެޓް ވަނީ އަތުލައިފަ އެވެ. ޝަކުވާތައް މިހާރު އޮތީ އޭސީސީއާ ހަމައިގަ އެވެ. އަނެއްކާ ވެސް ކުރިން އިއުލާންކުރި ހުރިހާ ކެޓަގަރީތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލަން ޖެހުނީ އެވެ. މިކަމުގެ ކޮޅެއް މެދެއް ފެންނާކަށް ނެތެވެ.

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ހަދަން ފެށި ފްލެޓް އިމާރާތް -- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބު އަންނަން ވާއިރަށް ވޯޓު ހޯދަން ފްލެޓްތައް ޙަވާލު ކުރުމަށް ސަރުކާރުން ކިތަންމެ މަސައްކަތް ކުރިއަސް އެކަން އަދި ކާމިޔާބު ވާނެ ކަމަކަށް ވެސް ބެލެވޭކަށް ނެތެވެ. ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިމުމުން ނޫނީ އަދި އެތަނުގައި ޓައިލްސް ނެތަސް ކުލަ ނެތަސް ރައްޔިތު މީހާއަށް ވަދެވޭނެ ގޮތެއް ނެތެވެ.

މާލޭގެ ރައްޔިތުން ބޯހިޔާވަހިކަން ނެތިގެން ކުރާ ޝަކުވާ އެހާ ބޮޑެވެ. ބައެއް ރަށްރަށުން ގޯތި ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރުމުގެ ސަބަބުން އެކަންކަން ހުރީ މަޑުޖެހިފަ އެވެ. ނިކަމެތި ރައްޔިތުން މީހާއަށް ގެދޮރު ބިނާކުރުމަށް ލުއިފަސޭހަ ގޮތެއް ނެތެވެ. އޮތީ ދަރަނިވެރިވުމެވެ. ގޯތި ދެވެން ނެތް ރަށްރަށުގައި މިސަރުކާރުގެ ވައުދާ އެއްގޮތަށް އިޖްތިމާއީ ފްލެޓް ލިބުނު މީހެއް ނެތެވެ.

ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުގެ ވިސްނުންހުރީ މާ އުހުގަ އެވެ. އެއްގަމުން އެ ހައްގުން ކަށަވަރުކޮށް ނުދެވޭތީ ވިސްނުން ހުރީ ފަޅުތެރޭގައި ގެ އަޅައިގެން ވެސް އެ ވައުދު ފުއްދުމަށެވެ. އެ ހުވަފެން މިނިސްޓަރު އަސްލަމް އެބަ ދެކެވަޑައިގަންނަވަ އެވެ. މިއީ އަދި ކިހާދުވަހަކުން ހަގީގަތަކަށްވާނެ ހުވަފެނެއް ކަމެއް އަދި ބުނާކަށް ނޭނގެ އެވެ.

ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ސާވޭއެއް ވެސް ހަދަނީ އެވެ. މިސާވޭ ނިމޭނެ ދުވަހެއް ނޭނގެ އެވެ. އަދި މިސާވޭއަށްފަހު ދެން އަނެއްކާވެސް ވައުދުތައް ބަދަލުވެގެން ދާނެ ގޮތެއް ބުނާކަށް ނޭނގެ އެވެ. ރައްޔިތުން ވާނުވާގަ އެވެ.

ކޮންމެއަކަސް ރައްޔިތުން ބޭނުން ވަނީ ސަރުކާރުން ހުސް ވާހަކަ ދައްކާ، ދެއުޅިއެއްނުވާ ގޮތަށް ކަންކަންކޮށް އަނެއްކާވެސް އެކަން އަނެއްކޮޅަށް ޖަހާ، އޭސީސީއަށް ދެއިރު ދެދަޅައަށް ހިނގާ، ޝަކުވާ ފޯމު ލިޔެލިޔެ ތިބޭކަށް ނޫނެވެ. ރައްޔިތުން ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ހައުސިން މިނިސްޓަރު ބޯހިޔާވަހިކަމާ ގުޅޭގޮތުން ނުފުއްދޭހާ ވައުދުތައް މަތިމައްޗަށް ވާކަށް ވެސް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމެވެ. ވަންނާނެ ޖިފުޓި ގަނޑެކެވެ. ހަމަޖެހިލައިގެން ނިދާލެވޭނެ ގޮތެކެވެ. އަމިއްލަ ވަޒަނެކެވެ. މިއީ އަސާސީ ހައްގެއް ކަމާއި މިއީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާކަން ސަރުކާރަށް ހަމަ ރަނގަޅަށް އެނގޭނެ އެވެ.

2020 ވަނަ އަހަރު ވެސް ނިމިގެން ދިޔައީ އެވެ. ހުސްވާހަކަ ދެއްކުން ފިޔަވާ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށް ސަރުކާރަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މިސަރުކާރުގެ ދެ އަހަރު ނިމިގެންދިޔައީ ހަގީގަތުގައި ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް އެންމެ ގަލެއް ވެސް ނުބޭއްވި އެވެ.

ހުޅުމާލޭގެ ފޭސް2 އަށް ދަތުރުކުރަން ހަދާފައިވާ ބްރިޖެއް. ފޭސް2 އަށް ދަތުރުކުރަން ހަތަރު ބްރިޖެއް ވަނީ ހަދާ ނިންމާފައި. ފޮޓޯ: ވަގުތު

ރައްޔިތުންގެ މަޖިލީހަށް އެންމެ ގިނައިން ހާޒިރުކޮށް ބޯހިޔާވަހިކަމާބެހޭ ގޮތުން އެންމެ ގިނަ ވާހަކަދެއްކެވީ ހައުސިން މިނިސްޓަރު އަސްލަމެވެ. ނަމަވެސް ވާހަކަ ދެއްކުން ފިޔަވާ އަމަލީ ގޮތުން ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ކުރެވުނީ ކޮންކަމެއްތޯ ސުވާލުކޮށްލަން ޖެހެ އެވެ. އަހަރު ނިމިގެން ދިޔައީ އެންމެ އާއިލާއަކަށް ވެސް ބޯހިޔާވަހިކަން ކަށަވަރު ނުވެ އެވެ.

އިއްޒަތްތެރި ރައީސް އެވެ. އިއްޒަތްތެރި ވަޒީރެވެ. ރައްޔިތުން ތިބި ޙާލު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ އެވެ؟ ތިބޭފުޅުން ތިކުރައްވަނީ ކީއްތޯ އެވެ؟ ވައުދުތައް ފުއްދަވާ ދެއްވާށެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާށެވެ. ހުރިހާ ބާރެއް އޮވެމެ މިއަދު މިކަމުގައި ތިބޭފުޅުންނަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ.