ކ. މާފުށީގައި ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރާއިރު އެރަށުގެ ރަށްވެއްސަކަށް ނުވާ ނަމަ ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށް އިސްލާހު ގެނެސް އަލުން ގޯޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާފުށި ހިއްކި ބިމުން ގޯއްޗަށް އެދުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު އާންމު ކޮށްފައިވާ އުސޫލަށް ބަދަލުތަކެއް ގެނައުމާ ގުޅިގެން އެ އިއުލާން ކައުންސިލުން މިހާރު ވަނީ ބާތިލު ކޮށްފަ އެވެ. އަދި މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުއުސޫލަށް ގެނައި އިސްލާހާއެކު ގޯއްޗަށް އެދުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލާފަ އެވެ.

އަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާފުށީގެ ރައްވެސަކަށް ނުވާ މީހަކު ގޯއްޗަށް ކުރިމަތިލައިފިނަމަ 30 ޕޮއިންޓް އުނިވާނެ އެވެ. އަދި ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރެއިން 40 އަހަރުން މަތީގެ މީހުންނަށް 20 ޕޮއިންޓް އިތުރުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި، މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

ގޯއްޗަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ސަރުކާރުގެ ގެޒެޓުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މާފުށި ކައުންސިލްގެ އިދާރާއިން، 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް އެ ފޯމް ލިބެން ހުންނާނެ އެވެ.

މާފުށި ކައުންސިލުން ބުނީ ފޯމް ބަލައިގަތުން އޮންނާނީ އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ކަމަށެވެ.

މާފުށި ފަޅު ހިއްކައިގެން އެރަށާއި ވަކިން މިވަގުތު އޮތް ރަށުން 2000 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ގޯތި ދޫކުރަން ނިންމާފައިވާ މާފުށި ފަޅުތެރޭގައިވާ 25 ހެކްޓަރުގެ ބިން 2021 ވަނަ އަހަރުގެ ތެރޭގައި ހިއްކީ އެމްޓީސީސީންނެވެ.