ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލާގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އެންގި މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

އެ ފައިސާ އަކީ އާރަށު މައްސަލައިގައި ލޯންޑާ ކުރި ފައިސާ އެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި ޔާމީނުގެ ވަކީލުން ވިދާޅުވީ އާރަށުގެ މައްސަލައިގެ ހުކުމުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނަގަން އަމުރުކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ނިމުނު ފަހުން އެ ގަޒިއްޔާގެ ދަށުން އަމުރެއް ނެރުމަކީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ކުށެއްކޮށްގެން ހޯދާ މުދަލެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އެ މައްސަލައިގެ ހުކުމް ކުރާއިރު ކަމަށެވެ. ދައުލަތަށް މުދަލާ ފައިސާ ނަގާނަމަ ކުށް ސާބިތުވުމުން ކުރާ ހުކުމްގައި އެކަން ހިމެނުމަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންނެވި އެވެ.

52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ނެރު އަމުރު ބާތިލްކޮށް ދިނުމަށް ވަކީލުން ވަނީ އެދިވަޑައިގެންފައި އެވެ. އަދި ކުށްކޮށްގެން ހޯދި ފައިސާއެއް ދައުލަތަށް ނަގަން އަމުރު ކުރެވޭނީ އަސްލު މައްސަލާގެ ހުކުމުގެ ތެރެއިން އެކަނި ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލައިގެ ފަހުން މިފަދަ އަމުރެއް ނެރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ފައިސާ ދައްކަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ނިންމާލާފަ އެވެ.