ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުންތައް ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރި އެވެ.

އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

ރައީސް ޔާމީނުގެ ފަރާތުން ވަނީ ތިން އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފަ އެވެ. އޭގެ އެއް ނުކުތާއަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ދަށު ކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހެއްކާބެހޭ ގާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ގާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާ ކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ. ތިންވަނަ ނުކުތާއަކީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާ ކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ހައިކޯޓުން ކުރި ހުކުމުގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ އިސްތިއުނާފީ މަރުޙަލާއަކީ އަލުން ބަލުން މައްސަލަ ބެލުމުގެ މަރުޙަލާއެއް ނޫން ކަމަށާއި، ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ އަސާސަށް ބަލާއިރު، މި ނުކުތާއަށް ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންނަމަވެސް ދައުވާއާއި ގުޅުންހުރި އިތުބާރު ހިފޭ ހެއްކާއި، ދައުވާގެ މައުޟޫއާ ގުޅުން ނެތް އިތުބާރު ނުހިފޭ ހެކި ހުރިތޯ ނެއްތޯ ދަށު ކޯޓުން ބަލާފައިވާކަން ދަށު ކޯޓުގެ ނިންމުމުން އެނގެން ނެތްކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ. އެގޮތުން ދަށު ކޯޓުން ނިންމުމަށް ވާސިލުވި ހަމައެއް އަދި ހެކި ވަޒަން ކުރި ގޮތެއް އެނގެން ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ ހެކިތައް ގުޅިގެން އަންނަ ގޮތެއް ދަށު ކޯޓުގެ ނިންމުމުން ސާފު ނުވާ ކަމަށެވެ. އެގޮތުން ފަނޑިޔާރު ނިންމާ ނިންމުމުގައި، އެ ނިންމުމަކަށް ވާސިލުވި ގޮތެއް ވެސް ފެންނަން އޮންނަން ޖެހޭނެ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

ދަށު ކޯޓުން ފަނޑިޔާރެއްގެ އިހުތިޔާރު ބޭނުން ކޮށްފައިވާ ގޮތުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަނުމަކީ މަދު ހާލަތެއްގައި މެނުވީ ނުކުރާނެ ކަމަކަށްވާއިރު، ފަނޑިޔާރު ނިންމުމަށް ވާސިލުވި ގޮތް ބަޔާންކޮށްފައި ނެތުމަކީ އެ އިހުތިޔާރުގެ ތެރެއަށް ވަންނަން ޖެހޭ ހާލަތެއް ކަމަށް ޝަފީއު ވިދާޅުވިއެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދަށު ކޯޓުގައި ޔާމީނުގެ ފަރާތުން އެދުނު ނަމަވެސް ދަށު ކޯޓުން ނިންމާފައި ވަނީ އެ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ޙުކުމުގައި ފަނޑިޔާރު ޝަފީއު އިތުރަށް ވިދާޅުވީ، ދިފާއުން ހުށައެޅި ހުށައެޅުން ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމީ ރަޖުއީކޮށް ހެއްކާ ބެހޭ ގާނޫނު ތަތުބީގު ކޮށްގެން ކަމަށާއި، އެކަން ދައުލަތުން އިސްތިއުނާފު ނުކުރާ ކަމަށެވެ. ނަމަވެސް ދިފާއުން އެ ނިންމުން އިސްތިއުނާފުކޮށް ހެއްކާބެހޭ ގާނޫނުގެ މަންފާ އެ ފަރާތަށް ލިބިދޭން ޖެހޭނެ ކަމަށް ބުނުމުން އެކަމުގެ ރައްދުގައި ރަޖުއީކޮށް ގާނޫނު ތަތުބީގު ނުކުރެވޭނެ ކަމަށް ދައުލަތުން ބުނަމުންދާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ދައުލަތަށް ފަހިވާ ގޮތަށް ކަމެއް އޮތްނަމަ ދައުލަތުން ފަރުވާލެއް ނުބަހައްޓާ ކަމަށެވެ.

ވުމާއެކު، ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ރައީސް ޔާމީނަށް ލިބިދޭން ޖެހޭކަމަށް ދެކިލައްވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހެކި ހާމަކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުމާއި ގުޅޭގޮތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާގައި ފަނޑިޔާރު ޝަފީއު ވިދާޅުވީ، އެ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާ ކުރެވޭނެ ނުކުތާއެއް ނޫން ކަމަށެވެ.

ފަނޑިޔާރު ވަނީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާގައި އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށް، އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭގޮތުން ހެއްކާ ބެހޭ ގާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް ޔާމީނަށް 7 ދުވަހުގެ ފުރުސަތެއް ދެއްވުމަށް ފެނިލައްވާ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ފަނޑިޔާރު ދީބާނާޒް ފަހުމީއާއި، ފަނޑިޔާރު ފައިސަލްގެ ރައުޔު އެކަމުގައި ތަފާތެވެ. އެގޮތުން އެބޭފުޅުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ދަށު ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.