ކުރީގެ ރައީސް ޔާމީން ދައުލަތައް 52 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ޔާމީންގެ މައްޗަށް 52 މިލިއަން ދައުލަތަށް ދެއްކުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ލޯންޑާ ކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އެ އަމުރު ހައި ކޯޓުން މިއަދު ބާތިލްކުރީ އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުންނެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން އަމުރު ނެރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އެއީ އިޖުރާއީ އައިބެއް ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން އޮތީ ދައުލަތުން އެބުނާ އިޖުރާއީ އައިބެއްގެ ގޮތުގައި ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ރައީށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ހައިކޯޓުން ނިންމާފައި ވަނީ މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައި ނެތުމުން ފަހުން ކުރާ އަމުރަކުން އެ ފައިސާ ދައްކަން އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ފައިސާ ދައްކަން އަމުރު ނެރެފައިވަނީ ހުކުމް ކުރިތާ ދެމަސްފަހުންނެވެ. އެހެންވެ އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ހުކުމުގައި އުނިކަމެއް އޮތް ކަމަށް ފާހަގަ ކުރެވޭނަމަ ގާނޫނީ ހަމައަކީ މަތީ މަރުހަލާގެ ކޯޓަކަށް އިސްތިއުނާފު ކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އަދި މި މައްސަލާގައި އަމުރު ނެރެފައިވަނީ ކްރިމިނަލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފްކުރަން މުއްތަހަމަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައިވާ ހައްގަށް އުނިކަން އަންނަ ގޮތަށް ކަމަށެވެ.

އަދި ގާއިމްވެފައިވާ ނިޒާމްގެ ބޭނުން ޕްރޮސެކިއުޝަނުން ދެވަނަ ފަހަރަށް އެ އަމުރަށް އެދުނު އެދުމަކީ ޖާއިޒް ކަމެއް ކަމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ. އެހެންވެ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ހައިކޯޓުން ނިންމި އެވެ.

ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު ދީބަނާޒު ފަހުމީ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމްވެސް ވަނީ އިސްތިއުނާފަށް ހުށަހަޅާފައި އެވެ. އެހެން ނަމަވެސް އަދި އެމައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނުފަށަ އެވެ.