ކުޑަ ދެކުދިންނާއެކު މަގުމަތިވި އާއިލާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިމިވަނީ ސޯޝަލްމީޑިއާގައި އެކުދިންގެ ފޮޓޯތަކާއެކު ވައިރަލް ވަމުންދަނިކޮށް "މަމްސް" ޖަމްއިއްޔާގެ ފަރާތުން އެ އާއިލާއަށް އާއްމުންގެ އެހީތެރިކަމާއެކު ވަންނާނެ ތަނެއްވެސް ހޯދާދީފައިވަނިކޮށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އާއިލާ ޖެެންޑާގެ ބެލުމުގެ ދަށަށް ގެނައީ އެއީ ގެވެށި އަނިޔާއާ ގުޅޭ މައްސަލައަކަށް ވުމުން ކަމަށެވެ.

"ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ލިބިދޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން. އަދި އެފަރާތަށް ބޭނުންވާ ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން،" މިނިސްޓްރީން ބުންޏެވެ.

އަންހެން މީހާ ގެއިން ނެރެލީ ކަމަށް ބުނާ ނަމަވެސް އޭނާގެ ކުރީގެ ފިރިމީހާ އެކަން ދޮގު ކުރެ އެވެ.

"މަމްސް" އިން ބުނީ އެ ޖަމިއްޔާއިން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް އެ އާއިލާ މިއަދު ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކި މީހުންގެ އެހީތެރިކަމާއެކު އެ އާއިލާއަށް 164،730ރ ލިބިފައިވާ ކަމަށާއި ފައިސާއިން އެ އާއިލާގެ ކަންކަން ބަލަހައްޓަމުން ދަނިކޮށް ޖެންޑާއަށް ނެގި ނަމަވެސް އާއިލާގެ ހުރިހާ ހަރަދެއް އެ ޖަމިއްޔާއިން ކުރާނެ ކަމަށް ބުންޏެވެ.

އެ އާއިލާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ ޖެންޑާއިން ކުރިއަށް ގެންދާ ވަގުތީ ރައްކާތެރިކަން ފޯޯރުކޮށްދޭ ޕްރޮގްރާމުގައި ބައިވެރިކުރުމަށް ކަމަށާއި އެ ޕްރޮގްރާމުގެ މުއްދަތު ކަނޑައެޅާނީ އެސެސްމެންޓްތަކަށް ފަހު ކަމުން އެ އައިލާ ޖެންޑާއިން ދޫކޮށްލާނެ ދުވަހެއް ނޭނގޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.