މާލޭ ސިޓީގެ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބެލީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެ މައްސަލަ ބެލީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީއަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވުމުން ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީއަށް ހުރަސް އެޅޭ ނުވަތަ އުނިކަން އަންނަ ފަދަ ކަމެއް ރިޔާސީ ކެންޑިޑޭޓަށް އެނގިވަޑައިގެން ހިނގާ ކަމަށްވާ ނަމަ އެކަމާ ދޭތެރޭ އެމަނިކުފާނަށް އޮންނާނެ ފުރިހަމަ އިހުތިޔާރު އެކަމަށް ގޮތެއް ނިންމުމަށް، ރައީސް އެދިވަޑައިގަތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކީ ގިނަ ބާރުތަކެއް ލިބިގެން ހުންނަވާ ފަރާތެއް ކަމަށާއި ކެންޑިޑޭޓާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓުވުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިގެންވާ ކަމަށެވެ.

ރަމީޒުގެ މައްސަލަ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާވަނީ ޕީޕީއެމުން ވަކިވެފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒަށް ޕީޕީއެމްގެ ޓިކެޓު ހޯދަން މަސައްކަތް ކުރުން ކަމަށް އަޑުފެތުރިފައިވެ އެވެ.