މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް މިރޭ ފެނުމާއެކު، މާދަމާ އަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް އެ ގައުމުން ކަނޑައަޅައިފި އެވެ.

ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަން ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިއުލާންކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގައި ހަނދު ބެލުން އޮތީ ތުމައިރު އޮބްޒަވޭޓްރީގަ އެވެ.

އެތަނުން ހަނދު ފެނުނުކަން ސާބިތުކޮށްދިނުމާއެކު މިއަދަކީ މިއަހަރު ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށާއި އަދި މާދަމާއަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށް ސައުދީގެ ރޯޔަލް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ސައުދީ ރަސްމީ ނޫސް އެޖެންސީން ބުންޏެވެ.

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ޖަލްސާ މިހާރު ކުރިޔަށް އެބަގެންދެ އެވެ.

ހަނދު ސާބިތު ކުރުމަށް ބާއްވާ ޖަލްސާ ފެށީ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން ވަގުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.