މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ކަމަށް ރެކޯޑު ކުރެވިފައިވަނީ މި މަހުގެ 11 ވީ އަންގާރަ ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އޭޕްރީލް އަދި މެއި މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދިވެސް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހޫނުގަދަ ދުވަސްތައް ރޯދަމަހާ ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެން ދުވަސްތަކާ ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަހުގެ ތެރޭގައި ބައެއް ވަގުތުތަކުގައި ހޫނުކަން އިހުސާސްކުރެވޭ ވަރު 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.