އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން ބައިނަލްއަގްވާމީ ގާނޫނުގެ އިމުގެ ތެރެއިން ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުއްވުމަކީ ދިވެހި މަސްވެރިންގެ އިގްތިސާދީ ހައްގުތައް ކަށަވަރުވެގެން ދިޔަ ކަމެއްކަމުގައި އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

އިޓްލޮސްގެ ނިންމުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަޙައްދު ކަނޑައެޅިގެންދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިންނަށް ލިބިގެންދާ ހިތްވަރެއްކަމަށެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މީގެ ކުރިން މިސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށްވެފައި، އެހެން ގައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއްކަމަށެވެ.

ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ބައިނަލްއަގްވާމީ ގާނޫނުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި، ދިވެހި މަސްވެރިންގެ އިގްތިސާދީ ހައްގުތައް ކަށަވަރުވެގެން ގޮސްފައިވާކަމަށް އައްޑޫ ސީޓި ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ބިނާކުރަނިވި ގޮތަކަށް، ޒިންމާދާރުކަމާއެކު ބައިނަލްއަޤްވާމީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ. އަދި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިޙުތިރާމު ކުރައްވާކަން ފެނިގެންދާކަމުގެ ހެއްކެއްކަމަށެވެ.

"އެހެންކަމުން، މި ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުން ހާއްސަ އިގްތިސާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، މި ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބުމަކީ އައްޑޫ ސިޓީ ކައުންސިލުން މަރުޙަބާކިޔާކަމެއް." އައްޑޫ ސިޓީ ކައުންސިލުގެ ބަޔާނުގައިވެ އެވެ.

އެކައުންސިލުން ވަނީ ދިވެހި ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް، ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްތަކަށް އައްޑޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.

އެކައުންސިލުން ވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވާފައެވެ.