ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރާނެ ކަމަށާއި ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި ސަރަހައްދާއިމެދު އިޓްލޮސްއިން ނިންމިގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޗާގޯސްއާ ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި (އިޓްލޮސްއިން) އޭޕްރީލް 28ގައި އިއްވި ހުކުމަކީ، އިގްތިސާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށެވެ.

"ދިވެހީންނަށް މިފުރުސަތު ގެއްލިގެންދިއުމުގައި، ދިވެހި ސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ހުކުމުގެ ޤަޟިއްޔާގެ 20 ވަނަ ސަފްހާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮވެއެވެ." ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ޖޭޕީން ތާއީދު ނުކުރާނެ ކަމަށެވެ. އަދި ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނިކުމެ ތިބި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"މިއަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި އަމަލަކަށްނުވޭތޯއެވެ؟” ގާސިމް ވިދާޅުވި އެވެ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖޭގެ އީޒެޓް ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށެވެ. އެކަމާއި ގުޅިގެން ގިނަ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.