ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓު މިއަަދުގެ ވަގުތެއްގައި އާންމުކުރަން ނިންމައިފި އެވެ.

ވޯޓާޒް ލިސްޓު މިއަދުގެ ވަގުތެއްގައި އާންމުކުރަން ނިންމާފައިވާކަން މީޑިއާތަކަށް މައުލޫމާތުދެމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ވޯޓާޒް ލިސްޓު، ސިޔާސީ ޕާޓީތަކަށާއި، އަދި އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާނެ އެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، އެކަމަށް 30 ދުވަހުގެ މުއްދަތެއް ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 160 ދުވަސް ކުރިން ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކުރަންޖެހެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، މިފަހަރުގެ އިންތިހާބުގައި 280،000 އެއްހާ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ޕީޕީއެމް އެކަންޏެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެމްޕޭން ފަށާފައިވެ އެވެ.