ރިޔާސީ އިންތިޚާބު ބާއްވާނެ ދުވަސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރުމާއެކު ޕާޓީތަކުގެ އެތެރެ ހަލަބޮލި ވެގެން ދިޔަ ދިއުމުގައި އެންމެ ބޮޑު އަސަރެއް ކުރީ ރާއްޖޭގެ އެންމެ މުސްކުޅި ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އެ ޕާޓީގެ ރައީސާއި އެޕާޓީގެ ފަރާތުން ވެރިކަން ކުރައްވަމުން ގެންދަވާ ގައުމުގެ ރައީސާ ދެމެދު ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދި ޕާޓީ އޮތީ ދެބައިވެފަ އެވެ. އެ ޕާޓީ ބައިބައި ވެގެންދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ހައްދަވަން ގަސްދު ކުރެއްވެވި ކޯލިޝަންގެ އުންމީދު ވެސް ދިޔައީ ފަނުފުލުންނެވެ. ސަރުކާރު ކޯލިޝަންގެ އެންމެ ވަރުގަދަ ޕާޓީ ޖުމްހޫރީ ޕާޓީ ވަކިން ރިޔާސީ އިންތިޚާބަށް ނިކުންނަން ނިންމުމާ އެކު ރައީސް ސޯލިހަށް ރިޔާސީ އިންތިޚާބު ގެއްލުނީ ކަމަށް ބެލެވުނެވެ.

އެ ޕާޓީ ދެބައިވެ، ކޯލިޝަން ރޫޅިފައި އޮތް ދަނޑިވަޅުގައި ރައީސް ސޯލިހު ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ އެވެ. ޕާޓީ ސިސްޓަމް އުފެދުނީއްސުރެ އެދާއިރާގެ ގޮނޑި ފުރަމުން ގެންދިޔަ ޕީޕީއެމާ، ވާދަކޮށް ގޮނޑި ހޯއްދަވަން ނުކުމެ ވަޑައިގެންނެވީ އަމިއްލަފުޅު ޕާޓިގެ ބައެއް މެންބަރުން ވެސް އިދިކޮޅަށް ކެމްޕޭން ކުރަމުން ދަނިކޮށެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ކުރިން ވަކަރަށް ޖަހާލަން ލިބުނު ފުރުސަތު ކާމިޔާބު ކުރައްވައި ގުރައިދޫ ދާއިރާގެ ގޮނޑި ހޯއްދެވުން ސިފަ ކުރެވެނީ އިންތިޚާބުގެ ކުރިން ދިމާވި ފުރަތަމަ އިމްތިހާނުން ފާސްވުން ކަމަށެވެ. މި އިންތިޚާބު ސަރުކާރުން ކާމިޔާބު ކުރިއިރު އެ ދާއިރާގެ ގޮނޑި ފާއިތުވެ ދިޔަތަނުގައި ފުރަމުން ގެންދިޔަ ޕީޕީއެމަށް ކުރެވުނުހާ ވެސް ކަމަކީ އިންތިޚާބުގެ ނަތީޖާގެ ތަފާސްހިސާބުތަކުން ދޭހަވާ މާނައާމެދު ބަހުސްކުރުމެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާއެކު ރައީސް ސޯލިހަށް ޖެހިވަޑައިގެންނެވީ ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައާ ކުރިމަތިލައްވާށެވެ. ސިޔާސީ ހުރިހާ ފަރާތަކުން ވެސް ސަރުކާރަށް ފާޑު ކިޔަމުން ދަނިކޮށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ބޮޑު ބަޔަކާއި އެ ސަރަހައްދު ސާވޭކުރުމަށް ހިނގި ޚަރަދު ވެސް ދިވެހި ސަރުކާރުން ހޯދަން މޮރިޝަސްއިން ކުރި ދައުވާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ސާބިތުކަމާއެކު ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ދިފާއުކޮށްފަ އެވެ.

ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުވި މައަސަލައިގެ ހިތްހަމަނުޖެހުން ރައްޔިތުންގެ މެދުގައި އޮތް ކަމަށް ވިޔަސް މޮރިޝަސްއިން ވަކާލާތު ކުރަމުން ދިޔަ ގޮތަށް މައްސަލަ ނުނިމުމަކީ ރައީސް ސޯލިހުގެ ޒައާމަތަށް ލިބުނު ބޮޑު ކާމިޔާބެއްކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ސިފަކުރަމުންނެވެ. އެއާއެކު ރައްޔިތުންގެ މެދުގައި އެމަނިކުފާނު މަގުބޫލުކަން އިތުރުވެފައިވާކަން ފާހަގަ ކުރެވެ އެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތްއިރު އިދިކޮޅު ޕީޕީއެމްގެ ހަރަކާތް އޮތީ ހުއްޓިފަ އެވެ. ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ހިނގާ ތަނެއް ނުފެނެ އެވެ. ތިންވަނައަށް އޮތް އެންމެ ބޮޑު ޕާޓީ، ޖުމުހޫރީ ޕާޓީގެ ފަރާތުން ވެސް އިންތިޚާބަށް ކުރިމަތިލާނެކަން އިއުލާންކުރުމަށް ހިންގި ހަރަކާތްތަކަށް ފަހު އިތުރު ހަރަކާތެއް ހިންގާ ތަނެއް ނުފެނެ އެވެ. އެމްޑީޕީގެ ތެރެއިން ވަކިވެގެން އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ވަނީ ބަރުލަމާނީ ޕްލޭނެއްގައި ތާށިވެ، ކުރިމަގު ބެދިފަ އެވެ. ރާއްޖޭގެ އެކި ހިސާބުގައި ޕްރޮޖެކްޓްތައް އިއުލާންކުރައްވައި ގިނަ މަޝްރޫއުތަކެއް ހިންގެވުމާއި، ފްލެޓުތަކުގެ އަގުހެޔޮކުރުމާއި ވަޒީފާތަކުގެ މުސާރަ ބޮޑުކުރުން ފަދަ ކަންތައްތަކާއެކު ރައީސް ސޯލިހުގެ ކެމްޕޭން މެކުހަށް ޖަހާފައިވާއިރު، ކުރިމަތިވެވަޑައިގެންނެވި ދެ އިމްތިހާނުން ފާސްވެވަޑައިގެން އެމަނިކުފާނު ވަނީ ފަހު އިމްތިހާނުން މޮޅު ނަތީޖާއެއް ހޯއްދެވުމުގެ ފުރުސަތު ފުޅާކުރައްވައިފަ އެވެ.