ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި އެޕާޓްމަންޓްގެ ވެރިން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އާބަންކޯއިން ބުނީ، ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން 4 ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓް އެކޯޕަރޭޝަނަށް ވަނީ ލިބިފައިވާ ކަމަށެވެ. އެމައްސަލަ ބެލި ބެލުމުން އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.

މިއެޕާޓްމަންޓުގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރި އިރު، އާބަންކޯއިން ހެދިފައިވާ އުސޫލުތަކާއި ހިލާފަށް ދެފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އާބަންކޯއިން ވަނީ ބުނެފަ އެވެ.

މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް 100،000.00 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ.

އަދި ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް އެޕާޓްމަންޓުގެ ވެރިފަރާތަށް އަންގާފައިވާ ކަމަށް އާބަންކޯއިން ބުނެ އެވެ. މީގެއިތުރުން އެތަން ހުރި ގޮތަށް އަލުން ހެދުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

ހިޔާ ފްލެޓުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން، އާބަންކޯއިން ނިންމާފައިވާ ކަމަށް މިދިޔަ ފެބްރުއަރީ މަހު އެ ކޯޕަރޭޝަނުން ވަނީ ބުނެފައިވެ އެވެ. އަދި އެފަދަ ފަރާތްތަކާއި މެދުގައި އަންނަނީ ފިޔަވަޅު އަޅަމުންނެވެ.