ފުވައްމުލަކުގައި ތައުލީމީ ޖީލެއް ބިނާ ކުރައްވައި އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި އެރަށު ލައިޓް، އަބްދުލް ހަމީދު އަލި ދީދީ 77، (ހަމީދުބެ) މި ފަނާވަނިވި ދުނިޔެއާ އިއްޔެ ވަކިވި ޚަބަރާއެކު ސޯޝަލް މީޑިއާ ފުރިގެން ދިޔައީ ތައުޒިޔާގެ ތަފާތު ލިޔުންތަކުންނެވެ.

ފުވައްމުލަކަށް އުފަން ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ހިމެނޭހެން ގިނަ ބަޔެއްގެ ލިޔުމުން ހަމީދުބެ ސިފަ ކުރެއްވީ އެ ބޭފުޅުންގެ ފުރަތަމަ މުދައްރިސުގެ ގޮތުގަ އެވެ.

ފަންސާހަށް ވުރެ ގިނަ އަހަރު ތައުލީމަށް ޚިދުމަތް ކުރެއްވި ހަމީދުބެ އެ މަސައްކަތް ފެށްޓެވީ މާލޭގައި އަދާ ކުރައްވަމުން ގެންދެވި ސަރުކާރުގެ ވަޒީފާ ރަށަށް ބަދަލުކުރެއްވުމަށްފަހު، ކިޔަވައި ދެއްވުމަށް ޖެހިވަޑައިގެންނެވި ލޯތްބެއްގެ ސަބަބުންނެވެ. މި ވާހަކަތައް ދަރިވަރެއްގެ ހައިސިއްޔަތުން ވަރަށް ގާތްކޮށް އުޅުނު ދުވަސްވަރު ގިނަ ފަހަރެއްގެ މަތިން ވަނީ ކިޔައިދެއްވައިފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ވަނަ އަހަރު އޮގަސްޓު މަހު ހަމީދުގެ ޚިދުމަތުގެ ހަޔާތާ ބެހޭ ގޮތުން ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ.

ފަސްދޮޅަހުގެ ފަހުކޮޅުގެ އަހަރުތަކުގައި ރާއްޖޭގައި އެންމެ ފުރަތަމަ ހިންގި ގާޒީ ކޯހުގައި ބައިވެރިވެ ހަމީދުބެ މަތީ ވަނަތަކެއް ހޯއްދެވި އެވެ. އޭގެ އިތުރުން މަހުކަމަތުއް ޝަރިއްޔާގެ ފަނޑިޔާރު މަނިކުފާނުގެ ހާއްސަ ކާތިބެއްގެ ގޮތުގައި މަސައްކަތްކުރެއްވި އެވެ. އަދި އޭގެ ފަހުން އޮޑިޓް އޮފީހުގައި ވެސް ވަޒީފާ އަދާކުރެއްވި އެވެ. އެއް ނަމްބަރު ކާތިބެއްގެ މަގާމު ފުރުއްވަމުން ދަނިކޮށް ހަމީދުބެ ވިދާޅުވި ގޮތުން އެއް ދުވަހަކު ނޫހެއްގެ އިއުލާނަކުން ފުވައްމުލަކުގައި އެގްރިކަލްޗަރު ފޯމަނެއްގެ ވަޒީފާ އޮތްކަން އެނގިވަޑައިގެންނެވި އެވެ. އެއީ ރާއްޖޭގައި ދިވެހި ރުއް އާލާކޮށް ހެއްދުމަށް ބޮޑު ވަޒީރު އިބްރާހިމް ނާސިރު ފެށްޓެވި ޚާއްސަ މަޝްރޫއެއްގެ ދަށުން ފުވައްމުލަކުގައި އެ ޕްރޮގްރާމް ހިންގާ ބެލެހެއްޓުމަށެވެ. މަހަކު 70 ވަރަކަށް ރުފިޔާގެ އެ ވަޒީފާއަށް ހަމީދުބެ ޝައުގު ވެރިވެވަޑައިގެންނެވީ ރަށަށް ބަދަލުވެވަޑައިގެނެވުމުގެ އެދުމުގަ އެވެ. 1969 ވަނަ އަހަރު ރަށަށް ބަދަލުވެވަޑައިގެން ރަށުގެ ފުނާޑާއި ދޫނޑިގަމާ ދެމެދުގެ ހިސާބެއްގައި ހުސްބިމެއްގައި އެގްރިކަލްޗަރުގެ އިރުޝާދާ އެއްގޮތަށް ރުއްތަކެއް އިންދަވައި، އެ ދަނޑުގެ މަސައްކަތް ބެލެހެއްޓަވަން އުޅުއްވުމުގެ ތެރޭގައި ހުސްވަގުތު ކުރައްވާ މަސައްކަތެއްގެ ގޮތުގައި ދޫނޑިގަމު އެދުރުގޭގައި ކިޔަވައި ދެއްވަން ފެއްޓެވި އެވެ.

އޭގެ ފަހުން ރަށު އޮފީހުން ހިންގާ މަކުތަބެއްގެ ގޮތުގައި "ފުވައްމުލަކު މަކުތަބު"ގެ ނަމުގައި ރަޖިސްޓްރީކޮށް، އެދުރުގޭގެ ގޯތި ތެރޭގައި ދަނޑިފަނުން އިމާރާތެއް އަޅުއްވައިގެން ހަމީދުބެ މަކުތަބު ހިންގެވި އެވެ. ކިޔަވައި ދެއްވުމުގެ މަސައްކަތް މާބޮޑަށް ކުރިޔަށް ދިއުމާއެކު ސަރުކާރުގެ ވަޒީފާ ދޫކުރައްވައި މުޅިން އެކަމަށް ހުސްވެ ވަޑައިގެންނެވި އެވެ. ހަމީދުބެ ކިޔަވައި ދެއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވިއިރު ދަރިވަރެއްގެ އަތުން 1 ރުފިޔާގެ ފީއެއް ނެންގެވި ކަމުގައި ވިޔަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފީ ނެގުމެއް ނެތި ހިލޭ ސާބަހަށް ކުރައްވާ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ޚާއްސަ ކުރެއްވި އެވެ.

ފުވައްމުލަކު ސްކޫލުގެ 46 ވަނަ އަހަރީ ހަފުލާއެއްގައި އަބްދުލް ހަމީދު އަލީ ބައިވެރިވަޑައިގަންނަވަނީ.

ރަސްމީ ތައުލީމުގެ ނިޒާމެއް ނެތް އެ ދުވަސްވަރު ހަމީދުބެ ފެއްޓެވި އެ މަސައްކަތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ. ހެނދުނާއި ހަވީރު އެކި އުމުރު ފުރައިގެ ކުދިންނަށް ކިޔަވައި ދެއްވުމަށްފަހު އިޝާ ނަމާދުގެ ފަހުން ގޭގެ ފެންޑާގައި ވެސް ޚާއްސަ ކުލާސްތައް ނަންގަވައި ދެއްވައި، ވަރު ބަލިކަމެއް ނެތި ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ތައުލީމަށް ލޯބި ޖެހުނު ޖީލެއް ބިނާ އުފެދިގެން ދިޔަ އެވެ. ހަމީދުބެގެ ކިޔަވާ ދެއްވުމުގެ މަސައްކަތް އޭރު ބިނާ ވެފައި އޮތީ ހަމަ އެކަނި އުނގަންނައި ދެއްވުމުގެ މައްޗަށް އެކަންޏެއް ނޫނެވެ. ތަފާތު ކުޅިވަރު ކުޅެން ދަސްކޮށް ދެއްވައި، މިޒަމާނުގެ ސްކޫލުތަކުގައި ބާއްވާ ސްޕޯޓްސް މީޓް ފަދަ ހަރަކާތްތައް ވެސް ގެންދެވީ ހިންގަވަމުންނެވެ.

އަމިއްލަ ފުޅު ރަށަށް ބަދަލުވެވަޑައިގެންނެވުމަށް ފަހު ހަމީދުބެ ހިމެނިގެން ދިޔައީ ރަށުގެ ހަރު މީހުން އިހުތިރާމް ކުރި، އާންމުން ލޯބި ކުރި، ޒުވާނުން ރޯލް މޮޑެލަކަށް ބަލަން ބޭނުންވި ބޭފުޅަކަށެވެ. ހިސާބު އިލްމާއި އަރަބި ބަހާއި އުރުދޫ ބަހާއި އިނގިރޭސި ބަހުގެ އިލްމަށް ކުރިއަރާފައިވުމުގެ އިތުރުން ހަމީދުބެއަކީ ތަފާތު އެތައް ފަންނުތަކެއްގެ ހުނަރުވެރި ބޭފުޅެކެވެ. ޚާއްސަކޮށް އަރަބި ތާނަ ރީތިކޮށް ލިޔުމާއި ބޮޑު އަކުރު އެޅުމާއި ކުރެހުން ފަދަކަންކަމަކީ ހަމީދުބެގެ ޚާއްސަ ހުނަރެކެވެ. ސަރުކާރުގެ އިސް ވެރިން ފުވައްމުލަކަށް ވަޑައިގަންނަވާއިރު ރަށު ތެރޭގައި ދަމާ ބެނާތަކާއި ބޮޑެތި ލިޔުންތައް ލިޔުމަކީ އެ ދުވަސްވަރު ހަމީދުބެ ނޫން ދެވަނަ މީހަކަށް ކުރެވޭ ފަދަ ކަމަކަށް އޮތީ ނުވެފަ އެވެ.

އަމިއްލަ ގޮތުން ހިންގެވި މަކުތަބުއް ނޫރާނިއްޔާގެ އިމާރާތް ޒަމާނާ އެއް ފެންވަރަކަށް އެޅުމަށް ސަރުކާރުން ހުށަހަޅުއްވައި އެކަމަށް ބޭނުންވާ ސާމާނު ދިނުމުން އަމިއްލައަށް މަސައްކަތް ކުރެވޭނެތޯ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ފުވައްމުލަކަށް އުފަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ސުވާލު ކުރެއްވީ މަކުތަބު ހިނގަމުންދިޔަ ފެންވަރު ފެނިވަޑައިގެން އެ މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދިއުމުގެ މަގުފަހިކޮށް ދެއްވުމުގެ ބޭނުމުގަ އެވެ.

އޭރު ފުވައްމުލަކު ތައުލީމީ މަރުކަޒު ހުޅުވި ރަށުގައި ރަސްމީ ތައުލީމުގެ ނިޒާމު ވަނީ ފެށިފަ އެވެ. ނަމަވެސް ހަމީދުބެގެ މަކުތަބަށް ކިޔަވަން ދިޔަ ދަރިވަރުން، އެ މަކުތަބު ދޫކޮށް ތައުލީމީ މަރުކަޒަށް ބަދަލުކުރަން ބެލެނިވެރިން ހިތްހަމަނުޖެހުންވީ ސަރުކާރަށް އެ މަކުތަބަށް އެހީވާން މަޖުބޫރުވި ސަބަބަކަށެވެ.

ސަރުކާރުން ލިބުނު އެހީގެ ފުރުސަތުގެ ބޭނުން ކުރައްވައި އޭރު ދޫނޑިގަމުގައި ހިނގަމުން ދިޔަ ޖަމްއިއްޔަތުއް ނަސްރިއްޔާގެ ނަމުގައި ފުވައްމުލަކު ވަސީމީގޭ މުހައްމަދު ވަސީމާއި ޓައުން ވިލާ މުހައްމަދު ވަހީދުގެ ބެލުމުގެ ދަށުން ޒަމާނީ އިމާރާތެއް ބިނާ ކުރެވުނެވެ. އެކަމަށްޓަކައި ސަރުކާރުގެ ފަންޑުގެ އިތުރުން ވެސް ވަރަށް ގިނަ ބައެއްގެ ދީލަތި އެހީތެރިކަން ލިބުނެވެ.

ފުވައްމުލަކުގައި ތައުލީމީ ވަރުގަދަ ޖީލެއް ބިނާކުރެއްވި އަބްދުލް ހަމީދު އަލީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއެކު ފޮޓޯއަކަށް ހުއްޓިގެން.

ޒަމާނީ އިމާރާތަކާއެކު ފުވައްމުލަކު ސްލޫލުގެ ނަމުގައި ސަރުކާރުގެ ސްކޫލަކަށް ހަމީދުބެގެ މަކުތަބު ބަދަލުވިއިރު، އެ ސްކޫލުގެ ނާޒިރަކަށްވެވަޑައިގެންނެވީ ހަމީދުބެ އެވެ. އޭރުން ފެށިގެން 1997 ވަނަ އަހަރު ވަޒީފާއިން ރިޓަޔާ ކުރެއްވުމާ ހަމަޔަށް ސްކޫލުގެ ނާޒިރެއްގެ ގޮތުގައި 28 ވަރަަކަށް އަހަރު މަސައްކަތް ކުރެއްވި އެވެ.

ފުވައްމުލަކުގެ ތައުލީމަށްޓަކައި މުޅި އުމުރު ހޭދަ ކުރެއްވި ހަމީދުބެ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއްވަންދެން އުޅުއްވުމަށްފަހު އިއްޔެ އަވަހާރަވިއިރު ހަމީދުބެގެ ދަރިވަރުން ގެންދަނީ ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ މަތިން ފެށިގެން ގައުމުގެ އެކި ދާއިރާތަކުގައި ތަފާތު އިސް މަގާމުތަކެއް ފުރަމުންނެވެ. ހަމީދުބެގެ ވަކިވެދިއުމުން މުޅި ރަށަށް ފުން ހިތާމައެއް ލިބުނުކަމުގައި ވިޔަސް ހަމީދުބެގެ ޚިދުމަތުން ދިއްލާލި އިލްމީ ދަންމަރަށް ފަނޑުކަމެއް ނާންނާނެ އެވެ.