އިސްތަންބޫލް - (މެއި 9) ތުރުކީގެ އިސްތަންބޫލުގައި އެ ގައުމުގެ އިދިކޮޅު ޕާޓީއިން އިއްޔެ ބޭއްވި އެއްވުމެއްގައި ގާއުކައި، ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން އެ ހަރަކާތް ހުއްޓާލަން ޖެހިއްޖެ އެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކެމްޕޭނުގެ ހަރަކާތެއްގެ ގޮތުން ބޭއްވި މި އެއްވުމުގެ ތެރޭން ދޮޅަހަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއާއެކު އިންތިޚާބު އިންސާފުވެރިކޮށް ކުރިޔަށް ހިނގައިދާނެ ކަމާމެދު އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ހަމަނުޖެހުން ހިނގި ވަގުތު އިސްތަންބޫލުގެ މޭޔަރު އިކުރާމް އިމަޣޫލު ގެންދެވީ ބަހެއްގެ މަތީގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުންނެވެ. އިކްރާމަކީ ތުރުކީގެ މައި އިދިކޮޅު ޕާޓީ ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ މެންބަރެކެވެ.

މީޑިއާ ރިޕޯޓުތަކާ ހަވާލާދީ ދަ އިންޑިޕެންޑެންޓުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 200 ވަރަކަށް މީހުންގެ ޖަމާއަތަކުން މޭޔަރު ހުންނެވި ބަހަށް ގާއުކަން ފެށުމުގެ ސަބަބުން އެ ހަރަކާތް ހުއްޓާލަން ޖެހުނެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބަކީ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާނަށް ކުރިމަތިވެވަޑައިގަންނަވާ އެންމެ އުނދަގޫ އިންތިޚާބަށް ވާނެ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ވޯޓުގެ ނަތީޖާ އުޅޭނީ ވަރަށް ހަމަހަމަ ކޮށެވެ. -- ދަ އިންޑިޕެންޑެންސް