ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ހަމަޖައްސައިފި އެވެ.

އޭނާ މަގާމަށް ހަމަޖައްސާފައި ވަނީ ރޭ، އެ ޕާޓީން ބޭއްވި ތިންވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭން ވިލަރެސް ކުރުމަށްޓަކައި ސްޓިއަރިން ކޮމިޓީގެ ގޮތުގައި 13 މެމްބަރުންގެ މައްޗަށް ހިމެނޭ ކޮމިޓީއެއްވެސް ވަނީ އުފައްދާފަ އެވެ.

އަދާލަތު ޕާޓީގެ ގިނަ ބޭފުޅުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ހިމެނޭއިރު، އެ ޕާޓީ އަކީ މިހާރު ހިނގާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގުޅިފައިވާ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެއް ޕާޓީ އެވެ.

ހަމައެހެންމެ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާއީ އިންތިހާބުގައިވެސް އަދާލަތުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.