ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ. އަދި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލްގައި ވަނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ 100 އިންސައްތަ ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ޙުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށް ވެގެންނުވާނެ ކަމަށާއި، އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމަށް ވެގެންނުވާނެ ކަމަށެވެ. މި އުސޫލްގައިވާ ގޮތުން އުމްރާއަށް ގެންދިއުމަށް ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެ އެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްޞަ ބޭންކް އެކައުންޓެއް ހުޅުވަން ވެސް ވަނީ ލާޒިމްކޮށްފަ އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖްގައިވާ ގޮތުގެ މަތީން އުމްރާވެރިންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އުމްރާއަށް މީހުން ގެންދިޔުމަށް 43 ކުންފުންޏަކަށް ވަނީ ހުއްދަ ދީފައިވެ އެވެ. މީގެ ތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މި މަހަށް ހަމަވެ އެވެ. އަދި 12 ކުންފުންޏަކަށް ދީފައިވާ ހުއްދަ މިއަހަރުގެ ނޮވެމްބަރު މަހަށް ހަމަވާއިރު، 7 ކުންފުންޏަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އަންނަ އަހަރުގެ ތެރޭގައި ހަމަވާނެ އެވެ.

އުމްރާ އަށް މީހުން ގެންދިއުމާ ގުޅޭ އުސޫލެއް ހަދާފައިވީ ނަމަވެސް އުމްރާ ގުރޫޕްތަކާ ގުޅޭ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.