ހަތަރު އަނބިންނަށް "ލޯބިވެވިއްޖެ" ބަލަން ދައުވަތު ދިނަސް އެފިލްމު ބަލަން ދިޔައީ ދެ އަނބިން އޮލިމްޕަސް ކުއްޔަން ހިފީ 50،000 ރުފިޔާ އަށް

މީހަކު އޭނާގެ ހަތަރު އަނބިން ގޮވައިގެން މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ދިވެހި ފިލްމު "ލޯބިވެވިއްޖެ" ބެލުމަށް އެ ދުވަހުގެ ޝޯ އެއްކޮށް ނަގައިފި އެވެ.

ހަތަރު އަނބިން ގޮވައިގެން ފިލްމު ބެލުމަށް 50،000 ރުފިޔާއަށް އަންގާރަ ދުވަހުގެ ރޭގެ މުޅި ޝޯ އޭނާ އެއްކޮށް ވަނީ ގަނެފަ އެވެ. ހަތަރު އަނބިންނަށް މިފިލްމު ބަލަން ދައުވަތު ދިނަސް އެރޭ ފިލްމު ބެލުމަށް ދިޔައީ ދެ އަނބިންނެވެ. އެހެން ކަމުން އެރޭ އޮލިމްޕަހުގައި ޝޯ ބެލީ ތިން މީހުންނެވެ.

މިއީ ދިވެހި ސިނަމާގެ ތާރީހުގައި ވެސް މުޅިން އަލަށް ހިނގި ކަމެކެވެ.

ޕްރޮޑިއުސަރު ޝާނީޒް އަލީ ޕްރޮޑިއުސްކޮށް އަލީ ސީޒަން ޑައިރެކްޓް ކޮށްފައިވާ "ލޯބި ވެވިއްޖެ" ޝޯތައް މިހާރު އޮލިމްޕަހުގައި ދައްކަމުން ގެންދާއިރު، ޓިކެޓެއް ވިއްކަމުން ގެންދަނީ 150 ރުފިޔާ އަށެވެ.

ލޯތްބާއި ސަސްޕެންސްގެ ހާދިސާއެއް ދައްކުވައިދޭ މި ފިލްމަކީ ގާތްގަނޑަކަށް 800،000 ރުފިޔާގެ ބަޖެޓަކާއެކު ތައްޔާރުކުރި ފިލްމެކެވެ.

ލޯބިވެވިއްޖެ ޕޯސްޓަރު

މިހާރު މި ފިލްމުގެ ޝޯތައް އެކި ރަށްތަކުގައި ދެއްކުމުގެ ތައްޔާރީތައް މިހާރު ވެސް އަންނަނީ ކުރިއަށެވެ.

"ލޯބިވެވިއްޖެ" މެއިން ރޯލު ތަކުން ފެންނަނީ މި ފިލްމުގެ ޑައިރެކްޓަރު އަދި ދިވެހި ހުނަރުވެރި ބަތަލް ސީޒަން އަލީ، މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ އަދި އަހުމަދު އީސާ (އާނަންދު) އެވެ.

https://www.youtube.com/watch?v=UQ676sWmb3A&t=4s