ޗާގޯސް މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މަސައްކަތް ކުރެއްވީ ގައުމުގެ ދިފާއުގައި ކަމަށާއި ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބުވިޔަ ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީގެ ޕީޖީގެ ގުޅިފައިވާ ކޯލިޝަނަކުންނެވެ.

މިކަމާގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް ބަޔާނުގައިވެ އެވެ.

"މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީއާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތެވެ. ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ރާއްޖޭގެ މަސްލަހަތު ދިފާއުކޮށް ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.