މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށް، މާލެތެރެ ބަލަހައްޓަން 78 މަގުފާރަވެރިން މަގުތަކަށް ނެރެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" އަދި އެ ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައި ވަނީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެ އެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާ އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާއެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކައުންސިލަށް ދެ އަހަރު ފުރޭއިރު ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެން ތަސައްވަރު ކުރި ޕްލޭންގަ އޮތް ގޮތަށް. ވަރަށް އުނދަގޫ ކަމެއް ނަމަވެސް ވަރަށް މުހިންމު ކަމެއް ހާސިލު ވާތީ،" މޭޔަރ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަ ބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިންތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސައުދީ އިތުރަށް ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަމަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އަދި އާ ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިޔަތު އަދާކުރެއްވުމުގައި ދެމިހުންނާނެ ކަމަށެވެ.

އެ މުވައްޒަފުންނާ ހަވާލުކޮށްފައިވާ ބައެއް ޒިންމާތައް:

  • މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން.
  • ޕެލެޓް ބެހެއްޓުން.
  • މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން.
  • ޕާކް ކުރުމުގެ މައްސަލަތައް.
  • ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން)
  • އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން.
  • ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން.