ޝާހްރުކް ހާން އެންޓި-ހީރޯއެއްގެ ރޯލުން ފެނިގެންދާ ކާމިޔާބު ފްރެންޗައިޒް "ޑޮން" ގެ ތިން ވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނެފި އެވެ.

1978 ގައި އަމީތާބް ލީޑުން ފެނިގެންދިޔަ މަގުބޫލު ފިލްމު ޑޯންގެ ރައިޓްސް އަޚްތަރު އާއި ރިތޭޝް ގަތުމަށްފަހު ޝާހުރުކް ޚާނާއި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ހިމަނައިގެން 2006 ވަނަ އަހަރު އަލުން ވަނީ ރީމޭކް ކޮށްފައެވެ. ފިލްމުގެ ދެވަނަ ބައި ނެރެފައި ވަނީ 2011 އެވެ. އެ ފިލްމުގައި ލީޑުން ފެނިފައި ވަނީ ޝާހު އާއެކު ޕްރިޔަންކާ އެވެ. ދެ ފިލްމު ވެސް ޑައިރެކްޓް ކޮށްފައި ވަނީ އަޚްތަރު އެވެ.

"ޑޮން" ފިލްމް ސީރީސްގެ ތިން ވަނަ ބައިގެ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއްވެއްޖެ އެވެ. މިފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފެށިތާވެސް ގިނަ ދުވަސްތަކެއް ވެފަ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް "ޑޮން 3" އާ ބެހޭ ގޮތުން ރިތޭޝް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން ފިލްމުގެ ސްކްރިޕްޓް ފަރުހާން ނިންމަމުން އަންނަ ކަމަށާއި، މާ ލަސްތަކެއް ނުވެ އޭގެ ފައިނަލް ޑްރާފްޓް ނިންމާނެ ކަމަށެވެ. އަދި އެންމެން ވެސް ތިބީ ޑޮން 3 ސްކްރީނުން ބަލަން ކެތް މަދުވެފައި ކަމަށް ބުނެފައިވެ އެވެ.

ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ "ޑޮން 2" އެވެ. އޭނާ ޝާހްރުކާ އެކީ ގެނެސްދިން "ޑޮން" އަކީ ފަރުހާންގެ ބައްޕަ ޖާވިދު އަހުތަރާއި ސަލްމާން ހާންގެ ބައްޕަ ސަލީމް ހާންގެ ސްކްރީންޕްލޭއަކަށް އަމީތާބް ބައްޗަނާއެކު ޑައިރެކްޓަރު ޗަންދުރާ ބެރޮޓް 1978 ގައި ގެނެސްދިން ވަރަށް ކާމިޔާބު ކްރައިމް އެކްޝަން ތުރިލާއެކެވެ.