ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނައިރު ރައީސް އިބްރާހިމް ސޯލިހުގެ އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާ ހެދި ޕާޓީ ދެބައިވެ، މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. ޕީޕީއެމްގައި ލީޑްކުރާނެ ވަކި ވެރިއެއް ނެތެވެ. ރައީސް މުހައްމަދު ނަޝީދާއި ކުދި ޕާޓީތަކުން ގެންދަނީ އަރާނެ ގަލެއް ހޯދަން މުގޯލި އަޅަމުންނެވެ. މިދަނޑިވަޅުގައި ސިޔާސީ ގޮތުން އެންމެ ބާރުގަދަކޮށް ފެންނަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ފުރުސަތު އެމަނިކުފާނަށް ހޯދައި ދިނުމަށް ޖޭޕީގެ ލީޑަޝިޕް އޮތީ އަތުކުރި އޮޅާލައިފަ އެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން އޮތް ބައި އިލެކްޝަން ކާމިޔާބުކުރެއްވި ނަމަވެސް ސަރުކާރުގެ މަގުބޫލުކަން އެއް ދުވަހުން އަނެއް ދުވަހަށް ދަށަށްދާ ކަމަށް ފާހަގަކުރެވެ އެވެ. ހަރުދަނާ ސިޔާސަތެއް ނެތި ވޯޓަށް އަމާޒުކޮށް އިއުލާން ކުރަމުންގެންދާ ތަފާތު މަޝްރޫއުތަކާއި ރޭވުންތަކުން ރައްޔިތުންގެ ތަރުހީބު ސަރުކާރަށް އިތުރުވާ ތަނެއް ނުފެނެ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ޕްލޭންތަކެއްކޮށް އިއުލާން ކުރިތާ އެތަކެއް ދުވަސް ފަހުން، ހުޅުމާލޭ ފަޅު ހިއްކަން ކުއްލިއަކަށް ނިންމި ނިންމުން ފަދަ ކަންތައްތަކުން ސަރުކާރުގެ ރޭވުންތެރިކަމާ ބެހޭ ގޮތުން ޚުދު ސަރުކާރަށް ތާއީދުކުރާ މީހުން ވެސް އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ހަމައެއާއެކު ޗާގޯސްގެ މައްސަލާގައި އެއްވެސް މަންފާއެއް ލިބެންނެތް ކަމެއްގައި ގައުމުގެ އިސްތިގުލާލައި ކަރާމަތުގެ ސުވާލެއް ހިމެނޭ ފަދަ ސިއްރު ސިޓީއެއް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވައި، އެ ސިޓީގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުމުގެ ސަބަބުން ވެސް ރައްޔިތުންގެ ނުރުހުން ސަރުކާރަށް ވަނީ ވަރަަށް ބޮޑަށް އަމާޒުވެފަ އެވެ.

ސަރުކާރުގެ މަގުބޫލުކަން ކުޑަވަމުންދިޔަ ކަމަށް ވިޔަސް އެކަމުގެ ފައިދާ ނަގައި ރޭވުންތެރިކަމާއެކު ރައްޔިތުންގެ ސަޕޯޓު ހޯދުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީއެންސީއަށް ކުރެވޭ މާބޮޑު މަސައްކަތެއް ނެތެވެ. ޕާޓީގެ ލީޑަރަށް މިވަގުތު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވެން ނެތުމުން މުޅި ޕާޓީ އޮތީ އެ ހާލަތު ބަދަލުވާނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ. ލީޑަރަކާ ނުލައި އެ ދެޕާޓީގެ ހަރަކާތްތައް ހިނގައިގަންނާނެ ގޮތެއް ފެންނާކަށްނެތެވެ.

ބޮޑު ދެ ޕާޓީގެ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ރިޔާސީ އިންތިޚާބުތަކުގައި ކިންގް މޭކާގެ ގޮތުގައި މަޝްހޫރުވެފައިވާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ ފެންނަނީ ވަރަށް ބަދަހިކަމާއެކު އިންތިޚާބާ ދިމާލަށް މިސްރާބު ޖަހައިފައިވާ ތަނެވެ. ޕީޕީއެމްގެ ވެރިކަމުގައި ރައީސް ޔާމީންގެ އެންމެ އަރިސް ބައެއް ބޭފުޅުން ވެސް ހިމެނޭ ހެން އެކިއެކި ޕާޓީތަކުން ގޮސްފައިވާ ބޮޑު ގްރޫޕެއް ޖުމްހޫރީ ޕާޓީގެ ކެމްޕޭން ރާވައި، ހިންގުމުގައި އިސްވެ ހަރަކާތްތެރިވެ އެވެ.

ތަޖުރިބާކާރު ޓީމަކާއެކު ޖުމްހޫރީ ޕާޓީން ކެމްޕޭންކުރަން ފަށަން ތައްޔާރުވަމުން އަންނައިރު ޕާޓީގެ އެކްޓިވިސްޓުން ގެންދަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ވެސް ހިންގަމުންނެވެ. މެންބަރުން އިތުރު ކުރުމަށް އެކްޓިވިސްޓުން ހަރަކާތްތެރިވަމުން އަންނައިރު، ޖުމުހޫރީ ޕާޓީއަށް އޮތް އެންމެ ބޮޑުއެއް ފައިދާއަކީ އެ ޕާޓީގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވުމެވެ. ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ހިމެނި ވަޑައިގަންނަވާހެން ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކެއްގައި ޖުމުހޫރީ ޕާޓިގެ މެންބަރުން ތިއްބެވުމުގެ ފައިދާ ކެމްޕޭނުގައި އެ ޕާޓީއަށް ކުރާނެ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެބަސްވުމުގެ މެދުގައި މާޔޫސްވެފައިވާ އެމްޑީޕީގެ މެންބަރުންނާއި ޚުދު ރައީސް ނަޝީދާއި އެނޫން ވެސް ގިނަ އަދަދެއްގެ ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކުން ޖުމުހޫރީ ޕާޓީއާ ގުޅެމުންދާއިރު، އެ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު އަންނަނީ އިތުރުވަމުންނެވެ. އެފުރުސަތުގެ ބޭނުން ހިފައި، ގައުމުގެ ރައީސްކަމުގެ ހުވާކުރެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރެއްވުމަށް ގާސިމް ހުންނެވީ ތައްޔާރަށެވެ.