ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަސީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައި ހަމަކުރަން ޖެހޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ޖަސްޓިސް ސެކްޓަ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ވަނީ ކުށުގެ ވެއްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވައި، އެއާ އެއްވަރަށް ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރަތައް ވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަސީލަތްތައް ފޯރުވައިދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ނައިބް ރައީސް ވާހަކަފުޅުގައި އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައް ވެސް ފާހަގަކުރެއްވި އެވެ. މިގޮތުން ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމަޢަކަށް ވުމުން ނުކުންނަ މަސައްލަތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިންސާނަކަށް އެންމެ ބޭނުންވާ އެއްކަމަކީ ޢަދުލު އިންސާފު ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއްކަމުގައި ވުމުން އެއީ މީހެއްގެ ހަމުގެ ކުލަޔަކަށް، ނިސްބަތްވާ ރަށަކަށް ނުވަތަ ގައުމިއްޔަތަކަށް ބަލައި ތަފާތު ކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި 2004 ވަނަ އަހަރު ރާއްޖޭގެ މުޅި ގާނޫނު އަސާސީ އަލުން އިސްލާހުކޮށް އެކުލަވާލުމުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮތީ މުސްތަގިއްލު ގޮތެއްގައި ތަހުގީގުތަަކާއި ޝަރީއަތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިޖަލްސާގައި ޖިނާއީ ޢަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް އެވެ. ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއި އެކު މަޢުލޫމާތު ބަދަލުކުރެވޭއިރު، މިނިޒާމްގެ ތެރޭގައި ހިމެނޭ ތަފާސް ހިސާބު މައުލޫމާތުތައް ޢާއްމު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ފެންނަން ހުންނާނެ އެވެ.
"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓާ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި، ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާހު ކުރެވުނު، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.