ފިއުލް ސަޕްލައި މޯލްޑިވެސް (އެފްއެސްއެމް) ގެ ދެ، ތެޔޮ ބޯޓެއް މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން ދަނިކޮށް އެރިޓްރިއާގައި ފަޅުވެރިންނާއެކު ބޯޓު ހިފަހައްޓާފައިވާ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވާކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބުމާއެކު އެކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި ގާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކުން ގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކައިގެން އިތުރު މައުލޫމާތު ހޯދުމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އެވަގުތު ބޯޓުގައި ހުރި ދިވެހި ފަޅުވެރިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން، ނިއު ޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުންދަނީ މިމައްސަލަ އަށް އަވަސް ހައްލެއް ހޯދޭތޯ ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހަމައެއާއިއެކު، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންދަނީ އެރިޓްރިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސީއާ މެދުވެރިކޮށް އެރިޓްރިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުންނެވެ. އަދި މިކަމާ ގުޅިގެން އެރިޓްރިއާގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.