މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ހައްޖާޖީން ފުރުވުމުގެ އެންމެހާ އިންތިޒާމްތައް އެންމެ ފުރިހަމައަށް ގެންދެވޭނެ ގޮތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ހައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފުރިހަމަށްއަށް ކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައްޖާޖީންގެ ކަންކަން ވީހާ ވެސް ގާތުން ބަލައި އެންމެހާ އިންތިޒާމްތައް ވީހާވެސް ފުރިހަމައަށް ގެންދިއުމަށް ރައީސް އަންގަވާފައިވާ ކަމަށާއި، އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ހައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާ ވެސް ފުރިހަމަޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ނައިބު ރައީސް ވިދާޅުވި ގޮތުގައި ހައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރު ވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެ އެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައި ވަނީ 1000 މީހުންނަށެވެ. އަދި، ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ހައްޖާޖީން އެއާޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ.