ބޮލީވުޑްގެ ފަންނާނުންނަށް އެކި ކަންކަމުގައި އާއްމުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. ގިނަ ފަންނާނުން މިކަމަށް އަޅާނުލި ނަމަވެސް ބައެއް ފަންނާނުން އެފަދަ މަލާމާތުގެ ބަސްތަކަށް ރައްދު ދެ އެވެ.
އެގޮތުން ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްގައި އޮތް ގޫޗީގެ އިވެންޓަކަށް ބޮލީވުޑްގެ ކުރިއަރަމުން އަންނަ ތަރި އާލިއާ ބަޓް ލީ ހެދުމާއި ބޭނުންކުރި އަތްދަބަހަށް ވަނީ ގިނަ ބައެއްގެ މަލާމާތް އަމާޒުވެފަ އެވެ.
ގޫޗީ ކްރޫޒް 2024 ގައި އާލިއާ ފެނުނީ ބޯޅަތަކެއް ކަނޑާފައިވާ ކަޅު ހެދުމަކާއި ޕްލެޓްފޯމް ފައިވާނެއްގަ އެވެ. އެއާއެކު އޭނާގެ އަތުގައި އޮތީ އެތެރެ ފެންނަ ކުޑަ އަތް ދަބަހެކެވެ.
އާލިއާގެ މި ފެނިލުމާއެކު އެއްވެސް އެއްޗެއް ނުލެވޭ އަދި ބޭނުން ނުކުރެވޭ ދަބަހެއް ހިފައިގެން ހުރުމުގެ ބޭނުމަކީ ކޮބައިތޯ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އޭނާއަށް ފުރައްސާރަ ކޮށްފަ އެވެ. އަދި އޭގެ ތެރޭގައި އެއްވެސް އެއްޗެއް އޮތްތޯ ވެސް މީހުން ވަނީ ސުވާލުކޮށްފަ އެވެ.
އެއާއެކު އާލިއާ އޭނާގެ ސޯޝަލް މީޑިއާގައި އެ ފެނިލުމުގެ ފޮޓޯއެއް ހިއްސާ ކުރަމުން އޭނާ ބުނީ އެއީ ހަމަ ހުސް ދަބަހެއް ކަމަށެވެ.
ބައިނަލްއަގްވާމީ ގިނަ ކާމިޔާބީތަކެއް އާލިއާ އަންނަނީ ހޯދަމުންނެވެ. އެގޮތުން މިއަހަރުގެ މެޓް ގާލާގައި އޭނާ ފެނިގެން ދިޔައިރު އޭނާއަކީ އިންޑިއާއަށް ނިސްބަތްވާ ގޫޗީގެ އެންމެ ފުރަތަމަ އެމްބެސެޑަރު ވެސްމެ އެވެ.