ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފިކުރެއްގެ ދިރުންގެ މެންބަރުން އުފެއްދުމަށް މަސައްކަތްކުރާ ޕާޓީގެ ތަރުޖަމާނަކަށް އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސައިފި އެވެ.

ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން ލަތީފް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީ ތެރެއިން "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ފެކްޝަނެއް އުފައްދަވާ ސިޔާސި ހަރަކާތްތައް ވަނީ ފައްޓަވާފަ އެވެ.

އެމްޑީޕީގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ 12 މެމްބަރަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީން ވަކިވެފަ އެވެ. އަދި އެ މެމްބަރުން އެމްޑީޕީއިން ވަކިވި ނަމަވެސް ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިނުގަންނަވަ އެވެ.

އައު ޕާޓީއެއް އުފައްދާނެކަން އިއުލާނުކުރުމުގެ ދެ ހަފުތާއެއްހައި ދުވަސްކުރިން އަފުޝަންވަނީ އެލްޖީއޭގެ ސީއީއޯކަމުން އިސްތިއުފާދެއްވާފަ އެވެ. އަފްޝަނަކީ ފިކުރެއްގެ ދިރުން ހަރަކާތުގައި އިސްކޮށް މަސައްކަތްކުރައްވާ ސްޓެލްކޯގެ ކުރީގެ އެމްޑީ އަމްރުގެ އަނބިކަނބަލުންނެވެ.

އަފްޝަނަކީ އެމްޑީޕީގެ ތަރުޖަމާނުކަންވެސް ކުރައްވާފައިވާ އެކި އިންތިޚާބުތަކުގައި އެ ޕާޓީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ފިކުރެއްގެ ދިރުމުން ބުނެފައިވަނީ ފެށޭ ހަފުތާ ތެރޭގައި އައު ޕާޓީ އުފެއްދުމަށް ފޯމު ހުށަހަޅައި ޕާޓީ އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެނޑިޑޭޓެއް ހުންނާނެކަމަށް ވެސް ފިކުރެއްގެ ދިރުމުން ބުނެ އެވެ.