ރިޔާސީ ރޭހަށް ނިކުންނަވާ ހުންނެވީ ގައުމުގެ ކުރިމަގު އުޖާލާކޮށް ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް ދޭން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީއަށް މުޅިން އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމްއާ އޭނާ ހަވާލުވީ ނުހަނު އުފަލާއެކު ކަމަށެވެ. އަދި މި މަސައްކަތް ރާވައި ފޯމްތައް ހަވާލުކޮށްދެއްވި ޖޭޕީގެ ކައުންސިލް މެމްބަރުންނާއި އެހެނިހެން މީހުންނަށް ވެސް ގާސިމް ޝުކުރު އަދާކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޖޭޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއީ ޖޭޕީގެ ފަހަރު،" ގާސިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާއިރު، ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކުރިމަތިލާން ނިންމާފައިވާއިރު، އިންތިހާބު ކާމިޔާބުކުރުމަށް އަންނަނީ ކެމްޕޭން ކުރަމުންނެވެ. އެގޮތުން ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މާލެއާއި އަތޮޅުތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޖުމްހޫރީ ޕާޓީގެ އިދާރީ ދާއިރާތަަކުގެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު، އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު ޖުމްލަ 50 މެންބަރުން ހަމަކޮށް ފޯމް ހުށަހަޅަން ޖެހެ އެވެ. އަދި އެ ފޯމްތަކަކީ އަލަށް އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމަށް ވާން ޖެހޭނެ ކަމަށް ވެސް ޖޭޕީން ބުނެ އެވެ.

އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ނަމަ އެ ދާއިރާއެއްގެ ރައީސަކު ހޮވާނީ އެ ދާއިރާއެއްގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ވެސް ޖޭޕީން ބުނެ އެވެ. އެކަކު ކުރިމަތިލާފައި ވާނަމަ ވޯޓަކާ ނުލައި އެ ފަރާތެއް އެ މަގާމަކަށް ހޮވޭނެ ކަމަށް ވެސް ޖޭޕީން ބުނެ އެވެ.

އިއްޔެ ވެސް އެކި ދާއިރާތަކުން ޖޭޕީއާ އަލަށް 600 އަށް ވުރެ ގިނަ މެމްބަރުން އަލަށް ވަނީ ގުޅިފަ އެވެ.