ބަރުދަން ލުއި ކުރުމުގެ ބޭނުމުގައި ހަކުރުގެ ބަދަލުގައި ބޭނުންކުރާ "ޝުގާ ސަބްސްޓިޓިއުޓް"ގެ އުފެއްދުންތައް ބޭނުން ނުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިލްތިމާސް ކޮށްފި އެވެ.

އެ ޖަމިއްޔާއިން ކުރި ތަހުލީލުތަކަކަށްފަހު ނެރުނު ރިޕޯޓުގައި ބުނީ ހަކުރުގެ ބަދަލުގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނާތަކުން ދިގު މުއްދަތުގައި ހަށިގަނޑުގެ ސަރުބީ ވިރުވައި ނުދޭ ކަމަށެވެ.

"އާޓިފިޝަލް ސްވީޓްނާތަކަކީ ދިގު މުއްދަތުގައި ބަރުދަން ލުއިކުރަން އެހީވެދޭ އެއްޗެއް ނޫން." ޑިޕާޓްމަންޓް އޮފް ނިއުޓްރިޝަން އެންޑް ފުޑް ސޭފްޓީގެ ޑިރެކްޓަރު ފްރާންސެސްކޯ ބްރާންސާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޑަބްލިއުއެޗްއޯގެ މި އިލްތިމާސްގައި ހަކުރު ބައްޔަށް ދާއިމީކޮށް ފަރުވާ ހޯދާ މީހުން ނުހިމެނޭ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އާޓިފިޝަން ސްވީޓްނާތަކަކީ ތައްޔާރީ ކާނާތަކާއި ޕެކެޓާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ބުއިންތަކުގައި ގިނަ އަދަދަކަށް ބޭނުންކުރާ މާއްދާ އެކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ހަކުރު ބޭނުންކުރާ މިންވަރާއި ބަރުދަން ލުއި ކުރުމާ ސީދާ ގޮތުން ގުޅިފައިވާ ކަމަށާއި އެހެން ނަމަވެސް ޝުގާ ސަބްސްޓިޓިއުޓް ބޭނުން ކުރުމަކީ އެކަމަށް އޮތް ހައްލެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ހަކުރު ބޭނުން ކުރުން ވަކި މިންވަރެއްގައި ހިފަހައްޓާ ބަރުދަން ލުއި ކުރަން މަސައްކަތް ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ޑަބްލިއުއެޗްއޯއިން ލަފާދެ އެވެ.