ފިލްމު ޝޫޓިންއެއްގެ ތެރެއިން ބޮލީވުޑްގެ ވެޓެރަން އެކްޓަރު އަނުޕަމް ކޭރްގެ ކޮނޑަށް އަނިޔާވެ ފަރުވާ ހޯދައިފި ކަމަށް އޭނާ ބުނެފި އެވެ.

އަނުޕަމްއަށް އަނިޔާވެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވިޖޭ 69" ޝޫޓު ކުރުމުގެ ތެރޭގަ އެވެ. ވިޖޭ 69 އަކީ އުމުރުން ދުވަސްވީ މީހަކު އިންޑިއާގެ ޓްރައިތޯންއެއްގައި ބައިވެރިވާ ތަން ފެންނަ ފިލްމެކެވެ.

އަނުޕަމް ވަނީ އޭނާގެ ހާލަތާ ބެހޭގޮތުން އިންސްޓަގްރާމްގައި ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ކޮނޑު ހުޅުގައި ސްލިންގެއް އަޅައިގެން އޭނާ ހުރިއިރު މިހާރު ތަދު ކުޑަ ކަމަށް އޭނާ ބުންޏެވެ.

ޔަޝް ރާޖް ފިލްމްސްއިން ޕްރޮޑިއުސްކޮށް އަކްޝޭ ރޯއީ ޑައިރެކްޓްކުރާ ވިޖޭ 69 ފިލްމަކީ އިންޑިއާގެ އޯޓީޓީ ޕްލެޓްފޯމަށް އުފައްދާ ފިލްމެކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނުޕަމް އަލުން ޝޫޓިން ފަށާނެ ކަމަށް ބެލެވޭއިރު މި ދުވަސްތަކުގައި ކުރިއަށްދާނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކަމަށް ހަބަރުތައް ބުނެ އެވެ.

އަނުޕަމްއަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.