"ފެޑެރަލް ދިވެހި ރާއްޖެއަކަށް އަލިވިލެން ވެއްޖެކަން ހަމަގައިމު ވެސް އަޅުގަނޑުގެ ހިތުގެ އަޑިން ގަބޫލުކުރަން،" އަނެއް ދިވެހި ރާއްޖެ އާއި ޖަޒީރާ ރާއްޖެ ފަދަ ރާއްޖެތަކަށް އަލިވިލުމުގެ ވާހަކަ ކުރިން ދައްކަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިފަހަރު މި ވިދާޅު ވަނީ ފެޑެރަލް ނިޒާމަކަށް ރާއްޖޭގައި އަލިވިލެން ވެއްޖެ ކަމަށެވެ.

ސަބަބު ހާމަކުރައްވަމުން ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށާ ފަޅުތައް ބޭނުންކޮށްގެން އެ އަތޮޅުތައް އަމިއްލަޔަށް ހޮވާ ވަކިވަކި ސަރުކާރުތަކަކުން އަތޮޅުތައް ހިންގަން ދޫކޮށްލަން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ކަމަށް ވިދާޅުވަމުން އެމަނިކުފާނު ދެން ވިދާޅުވީ އެހެން ނުވެއްޖެނަމަ ރާއްޖެއަށް ވަރަށް ނުރައްކާތެރި ކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

ރައީސް ނަޝީދަކީ ކުރީގެ ރަޢީސް މައުމޫނު އަބްދުލް ގައްޔޫމު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށް ވަކާލާތު ކުރައްވައި ގިނަ އަދަދެއްގެ ރައްޔިތުންނާ އެކު ހިންގެވި އިދިކޮޅު ހަރަކާތަކުން މަޝްހޫރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އޭރު އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެކަކު މާގިނަ ދުވަހު ވެރިކަން ކުރުން ރަނގަޅު ނޫން ކަމަށާއި އާއިލީ ވެރިކަމެއްގެ ސަބަބުން މައުމޫނުގެ ސަރުކާރު ކޮރަޕްޓްވެފައިވާ ކަމަށެވެ. ހަމަ އެފަދައިން އެމަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވެސް އޭރު ވިދާޅުވަމުން ގެންދެވި އެވެ. އެހެންނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނީ ރައީސް ނަޝީދާ ވާދަކުރައްވައި ބަލިވެ ވަޑައިގެންނެވުމުންނެވެ. އެއާއެކު ލިބި ވަޑައިގެންނެވި ވެރިކަމުގައި ނަޝީދަށް ގައުމުގެ ހުންގާނުގައި ކެތްކޮށްލެވުނީ ދެއަހަރެއްހާ ދުވަހު އެވެ.

އެ މަނިކުފާނުގެ ޕާޓީއާއި އޭރުގެ އިދިކޮޅު ޕާޓީތަކާ ދެމެދު އުފެދެމުން ދިޔަ ނުތަނަވަސްކަމުގައި ވެރިކަން ދޫކޮށްލެއްވުމަށް ފަހު، ދޫކޮށްލެއްވި ވެރިކަން އަލުން ހޯއްދަވަން ކުރައްވާ މަސައްކަތް ދަނީ އަދިވެސް ކުރިއަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އަމިއްލަ ޕާޓީ، އެމްޑީޕީގެ ތެރެއިން ފުރުސަތު ލިބި ވަޑައިނުގެންނެވުމުން ވެރިކަމަށް ކުރިމަތި ލެއްވުމަށްޓަކައި "ދަ ޑިމޮކްރޭޓްސް" ގެ ނަމުގައި ޕާޓީއެއް ހައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދުގެ މިފަހަރުގެ ކެމްޕޭނުގެ ނާރެހަކަށް ވާނީ ފެޑެރަލް ނިޒާމެއް ރާއްޖެ ގެނައުން ކަމަށް ބެލެވެ އެވެ.

ފެޑެރަލް ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އެފަދަ ނިޒާމެއް ތައާރަފް ނުކޮށްފި ނަމަ ރާއްޖެއަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެދާނެ ކަމަށެވެ. އެ ވާހަކަފުޅުގެ ތަފުސީލަށް ވަޑައިގަންނަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަކިވެގަތުމުގެ ހަރަކާތްތައް އަބަދުވެސް ހިނގާ ކަމަަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބައިބައިވުމުގެ ރޫހު އުފެދި އެތެރޭގެ ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތްކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކުން މާލޭ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ތިބެން ނުޖެހޭ ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ހައްގު ވެރިންނަކީ އެ ރަށްރަށް ހިމެނޭ އަތޮޅުތަކުގެ މީހުންކަމަށާއި އެ ތަންތަނުގެ ފައިދާ ހޯދުމުގެ މިނިވަންކަން އެ މީހުންނަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަކި ސަރުކާރުތަކެއް އުފެދި ރައްޔިތުންގެ މަޖިލިސް ފަދަ އިދާރާތައް އެތަންތާގައި ހިންގަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފެޑެރަލް ނިޒާމު ހިންގާ އެމެރިކާ ފަދަ ގައުމުތަކުގައި އޮންނަ ފަދަ ސަރަހައްދީ ސަރުކާރުތަކަކާ މެދު ރާއްޖެތެރޭގެ ރައްޔިތުންނަށް އުންމީދު އާވާފަދަ މޭރުމަކުން ރައީސް ނަޝީދު ދައްކަވަން ފެއްޓެވި ވާހަކަފުޅަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީން ކެންޕޭން ކުރައްވާނެ މައިގަނޑު ޕޮލިސީ ކަމަށް ލަފާ ކުރެވެ އެވެ. އެއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ވަކާލަތު ވެސް އޮތީ ކުރިއަށެވެ.

ޖަޒީރާ ރާއްޖެ އާއި ނޫ އިގުތިސާދުގެ ހުވަފެންތަކުން ރާއްޖެތެރޭގެ ރައްޔިތުންގެ ޖަޒުބާތާ ކުޅުއްވުމަށް ކުރެއްވި މަސައްކަތްތަކަށް ފަހު ފެޑެރަލް ނިޒާމަކުން ރާއްޖެތެރެއަށް ޚާއްސަ ބާރުތަކެއް ހޯއްދަވއިދެއްވުމަށް ކުރައްވާ ވަކާލާތު ވެސް ގުޅެނީ ރާއްޖޭގެ ވެރިކަމުގެ ގޮނޑީގައި ކުރީގެ ރައީސް، ނަޝީދަށް އިށީނދެވޭނެ މަގެއް ފަހިކުރުމާ އެވެ. އެކަމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތުން އަލި މަގެއް ނުފެނުމުގެ ސަބަބުން އުފައްދަވާ "ދަ ޑިމޮކްރޭޓްސް" އާއި އޭގެ ތެރެއިން އުފަންވާ ފެޑެރަލް ނިޒާމުގެ ހުވަފެން ވާނީ ކުރިޔަށް އޮތް ރިޔާސީ ދައުރުގެ ކެމްޕޭނުގެ ނާރެހަށެވެ.