ދެހާސް އަށާރަ ވަނަ އަހަރު ކަނޑާލައިފައިވާ ސިޔާސީ ގުޅުން އަލުން އާކޮށް އެއް ގައުމުން އަނެއް ގައުމަށް އެމްބެސެޑަރުން އައްޔަން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކެނެޑާ އާއި ސައޫދީން އިއުލާން ކޮށްފި އެވެ.
މި ނިންމުމާ އެކު ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް އައިސް، ހުއްޓިފައިވާ ވިޔަފާރީގެ ގުޅުންތައް އިއާދަ ކުރެވޭނެ އެވެ.
ކެނެޑާ އާއި ސައޫދީގެ ގުޅުން އަލުން ގާއިމު ކުރަން ހަމަޖެހުނީ ފާއިތުވި ނޮވެމްބަރު މަހު ބެންކޮކުގައި ބޭއްވުނު އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަންގެ ބައްދަލުވުންތަކުގެ އަރިމަތީން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި ޕްރިންސް މުހައްމަދު ބިން ސަލްމާން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަކަށް ފަހު އެވެ.
ސައޫދީ އާއި ކެނެޑާގެ މެދުގައި ސިޔާސީ މައްސަލަ ޖެހުނީ ސައޫދީ ސަރުކާރާ ދެކޮޅަށް ލިޔަމުން ގެންދިޔަ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީ 2018 ވަނަ އަހަރު މަރާލުމާ ގުޅިގެން ހިނަގައި ދިޔަ ނުތަނަވަސްކަމުގެ ތެރެއިންނެވެ. ޚަޝޯގްޖީގެ މަރާ އެކު ހުޅަނގުގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ކެނެޑާއިން ވެސް އެ އަމަލު ކުށްވެރި ކުރި އެވެ. އެހެން ނަމަވެސް ދެ ގައުމުގެ ދެމެދުގައި މައްސަލ ހޫނުވީ ސައޫދީގައި ހުންނަ ކެނެޑާގެ އެމްބަސީ އިން އަރަބި ބަހުން ޕަބްލިޝް ކުރި ޓްވީޓެއްގެ މައްސަލާގަ އެވެ.
އެ ޓްވީޓުގައި ކެނެޑާގެ އެމްބަސީން ގޮވައިލީ ސައޫދީ ސަރުކާރުން ހައްޔަރު ކޮށްފައި ތިބި އެ ގައުމުގެ އަންހެނުންގެ ހައްގުގައި މަސައްކަތް ކުރާ އެކްޓިވިސްޓުން ވަގުތުން ދޫކޮށްލުމަށެވެ. އެ ޓުވީޓާ ވިދިގެން ސައޫދީ ސަރުކާރުން ކެނެޑާ އެމްބެސަޑަރު ހާޒިރުކޮށް އެމްބަސީ ބަންދު ކުރަން އެންގި އެވެ. އަދި ކެނެޑާއާއެކު ވިޔަފާރީގެ ގުޅުން ވެސް ވަގުތުން ކަނޑާލި އެވެ.
ބުދަ ދުވަހުގެ އެނައުންސްމެންޓަކީ "ދެ ގައުމުން ވެސް ގުޅުންތައް އާންމު ހާލަތަށް ގެނެސް ސިޔާސީ އިގުތިސާދީ ގުޅުން ބަދަހި ކުރުމަށް ބޭނުންވުމުގެ ނަތީޖާއެއްގެ ގޮތުން" ނިންމި ނިންމުން ހާމަކުރުން ކަމުގައި ދެ ގައުމު ގުޅިގެން ނެރެފައިވާ ބަޔާނުގައިވެ އެވެ.
ކެނެޑާ އާއި ސައޫދީގެ ގުޅުން އަލުން ގާއިމު ކުރެވުނީ ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލމާނު އިސްވެ ހުންނަވައި އެ ގައުމަކީ ސަރަހައްދާއި ދުނިޔޭގެ ފެންވަރުގައި ވެސް ސުލްހަ ގާއިމުކުރުމަށް ނަގާކިޔާ ގައުމަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ދުވަސްވަރެއްގަ އެވެ.
ކެނެޑާގެ ފޮރިން މިނިސްޓަރު ވަނީ ސައޫދީން ކުރަމުން ގެންދާ ކަންތަކަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން ސޫދާނުގައި ތާށިވެފައި ތިބި ކެނެޑާގެ ރައްޔިތުން ސަލާމަތުން ގައުމަށް ސައޫދީން ވެދިން އެހީ އާއި ސޫދާނުގެ މައްސަލައަށް ސުލްހަވެރި ހައަލެއް ހޯދުމަށް ސައޫދީން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.