އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި، އެ މަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ އާއި މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން މިއަދު އެދިއްޖެ އެވެ.

ދައުލަތުން މި ގޮތަށް އެދިފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި މިހާރު ކުރިޔަށްދާ މައްސަލާގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމުގަ އެވެ.

ކުރީގެ ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލާފައިވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން ލިޔެކިއުންތަކެއް ދީފައި ނުވާ ކަމަށް ބުނެ އެ ލިޔުންތައް ދިނުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އެ ލިޔެކިއުންތައް ލިބެންދެން ދައުވާ އިއްވުން މަޑުޖައްސާލުމަށް ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގަތެވެ. އެ ގޮތުން ރައީސް އޮފީހުގައިވާ ލިޔެކިއުމަކާއި އެމްއެމްޕީއާރުސީގެ ލިޔެކިއުމެއް ހޯދަން އެ ދެ ތަނަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ވެސް ލިޔުންތައް ދިނުމަށް އެދި ސިޓީއެއް ފޮނުވިކަން ވަކީލުން ފާހަގަކުރެއްވި އެވެ.

އެކަމާ ދެކޮޅު ހަދައި ދައުލަތުގެ ވަކީލް ވިދާޅުވީ މި މައްސަލާގައި ހުރިހާ ލިޔެކިޔުންތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. މިގޮތުން ދައުވާގެ ލިޔުންތަކާއި ހެކިންގެ ނަންތަކާއި މިނޫން ވެސް ލިޔެކިޔުންތައް ހަވާލުކޮށްފައިވާ ބުނެ އިތުރު ލިޔުންތައް ދޭން އިންކާރުކުރި އެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތުގެ ފަރާތުންނާއި ޝަރީއަތުގެ ފަރާތުން ދައުވާ ރައްދުވާ ފަރާތަށް ދޭން ޖެހޭ ހުރިހާ ލިޔެކިއުމަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ދައުވާގައި ހިމެނޭ ސީޑީއާއި އޭގައި ހިމެނޭ އޯޑިއޯތައް ދިރާސާ ކުރުމަށް ވެސް އެ ފަރާތަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ދައުވާ އިއްވަން ޝަރީއަތުން ދައުލަތަށް ފުރުސަތު ދިނެވެ.

ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެ އެ މައްސަލަ މަތީ ކޯޓެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް ލިބިވަޑައިގަންނަވާނީ ދަށު ކޯޓުގައި އެ މައްސަލަ މަޑުޖައްސާލުމުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފުރުސަތު ދެއްވައިގެން ދައުލަތަށާއި ޝަރީއަތަށް ގެއްލެނީ ކޮން ހައްގެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.

މި މައްސަލައިގެ އަޑުއެހުން މި ވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ. އަޑުއެހުން ފަށާއިރު އެ ކަމުގައި ޝަރީއަތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފުށްގިރި ކުށްޔަށްދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ 1،118،000 ޑޮލަރާއި އެ މަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާ ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފައި އެވެ. ނަމަވެސް އެކަމާ މެދު ޝަރީއަތުން އަދި ގޮތެއް ނުނިންމަ އެވެ.